ޚަބަރު

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި


  • ގުރުއަތުލުން ކުރިއަށްދަނީ ކަލާފާން ސްކޫލްގައި

  • 698 ގޯތީގެ ގުރުއަތުލުން ބޭއްވުމަށްވަނީ ހަމަޖެހިފައި

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފިއެވެ.

ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ގުރުއަތުލުން ކުރިއަށްދަނީ ކަލާފާނު ސްކޫލުގައެވެ. ގޯތިތަކުގެ ގުރުއަތު އަލުން ނެގުމަށް ނިންމީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެންދާނެތީއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކުރާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. އެގޮތުން 3 ވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުމަށްވަނީ ނިންމާފައެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލު

- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ގޯތިލިބޭ ފަރާތްތަކަށް ލިބޭ ޕްލޮޓްގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ އެވުޒާރާގެ މުވައްޒަފުންކަމަށެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަދެވޭނީ ކޮންމެ ޕްލޮޓަކަށް 01 ފަރާތެވެ. އަދި ގޯތި ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންވާނަމަ، އެކަން އަންގައިދޭ ލިޔުމާއި، ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއެކު ހާޒިރުވުމުން، ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް އެފަރާތަކަށް ވަދެވޭނެކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ގުރުއަތުނެގުން ކުރިއަށްދާއިރު ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހޭ ޕްލޮޓް ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނާނެއެވެ. އަދި އެފަރާތަކަށް ލިބޭ ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެއެވެ. މި ގުރުއަތުލުން ޕަބްލިކް ސަރވިސް މީޑިއާގެ ޔެސް ޓީވީ ގެންދަނީ ވަގުތުން ދުރަށް ދައްކަމުންނެވެ.

ގުރުއަތުނަގާ ނިމުމުން، ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތު ފަހުން އާންމުކުރާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިދިޔަ އަހަރުގެ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރެވިފައިވާ ގޮތުން، މިހާރު ބޭނުން ކުރަމުންދާ ބަނދަރުގައި މިވަގުތަށް ބޭނުންވާ އަދި މުސްތަޤުބަލުގައި އުޅަނދުފަހަރު ބަނދަރުކުރުމަށް އެކަށީގެންވާ ޖާގަ ނެތުމާއި ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައި ވަކިވާގޮތަށް ޕްލޭން ކުރެވިފައިވުމުން، ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ދަތިތައް ދިމާވާނެތީއާއި ތިންވަނަ ފިޔަވަހި އަބާދުކުރުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

އެހެންކަމުން އެ ކަންބޮޑުވުންތަކާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތީން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިމެނޭގޮތަށް މުޅި ހުޅުމާލޭގެ އައު މާސްޓަރ ޕްލޭނެއް އެކުލަވާލާފައިވެއެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ބިން ހިއްކުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 30 ހެކްޓަރަށްވުރެ ބޮޑަށް ބައެއްވަނީ ހިއްކާފައެވެ.