ހުޅުމާލޭގައި ސީސީޓީވީ މޮނިޓަރިންގ ކޮމާންޑް ސެންޓަރެއް ގާއިމްކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ، ހުޅުމާލެއަކީ ރައްކާތެރި ތަަނަކަށް ހެދުމަށްް އެޗްޑީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމްކޮށްފައިވާކަމަށެވެ. މި ސެންޓަރު ގާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު 9ގަައެެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރި ސީސީޓީވީ މޮނިޓަރިންގ ކޮމާންޑް ސެންޓަރާ ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން އެޗްޑީސީން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގަމުން އަންނަ ކަންކަން އެ ސެންޓަރުން ފެންނާނެކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމު ތަންތަނާއި، ޓަވަރުތަކުގެ ސެކިއުރިޓީ ބަލަހައްޓަން އެސްޓޭޓް ސެކިއުރިޓީގެ ޚިދުމަތް އެޗްޑީސީން ތަޢާރަފްކޮށްފައިވާއިރު، މި ސެންޓަރު ބަލަހައްޓާނީ އެ ކުންފުނީގެ މުވައްޒަފުންކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
We are reforming our security to ensure safer and stronger protection for our island city #withHDC.
— Housing Development Corporation (@hdcmaldives) December 15, 2025
Stay tuned. #SaferHulhumalé #MyHulhumalé pic.twitter.com/33k3SCA4Kd
ހުޅުމާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޗްޑީސީން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން ދާދިފަހުން ތައާރަފުކުރި އެސްޓޭޓް ސެކިއުރިޓީ ޓީމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ތަންތަން ބެލެހެއްޓުމުގެ 24 ގަޑިއިރު މަސައްކަތް ކުރާނެއެވެ. އަދި ސެކުރިޓީ ޓީމުން މަސައްކަތް ކުރާނީ ހާއްސަ ޔުނީފޯމެއް އަޅައިގެންނެވެ. މި ޚިދުމަތުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ފެންވަރަށް ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން، ސީސީޓީވީ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ގައުމީ މިންގަނޑުތަކަށް ފެތޭގޮތަށް މި ޚިދުމަތް ފުޅާކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރަމުންދާނެއެވެ.
މި ޚިދުމަތުގެ ދަށުން ހުޅުމާލޭގެ ހުރިހާ ފޭސްތަކެއްގައި ހިމެނޭ އިމާރާތްތަކުގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައްވެސް ބަލަހައްޓައި ރައްކާތެރިކަން ކަށަވަރުކުރާނެއެވެ. މީގެ ތެރޭގައި ވީނަރެސް ފްލެޓްސް ފަދަ ބޮޑެތި ޢިމާރާތްތައްވެސް ހިމެނެއެވެ. މި މަސައްކަތް ކުރިއަށްގެންދާއިރު، ކަމާބެހޭ ފަރާތްތަކާއެކު ގުޅިގެން، ޚާއްސަކޮށް ފުލުހުންގެ ޚިދުމަތާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.