ޚަބަރު

އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ބާއްވާ ފެސްޓިވަލުން ސްޓޯލް ދޫކުރަން ހުޅުވާލައިފި


  • މި ފެސްޓިވަލުން 80 ސްޓޯލް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވޭ

  • ސްޓޯލްތަކަށް 6 ދުވަހަށް 3000 ރުފިޔާގެ ކުލި ދައްކަން ޖެހޭނެ

  • ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 23ގެ 12:00

އާ އަހަރާ ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ނިއު އިޔަރ ފެސްޓިވަލް"އިން ސްޓޯލް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ، އޮންލައިންކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ހުށަހާ މީހުންނަށް އިސްކަންދޭ އުސޫލުން ޝަރުތުހަމަވާ ފަރާތްތަކަށް ސްޓޯލް ކުއްޔަށް ދޫކުރެވޭނެކަމަށެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި 2ވަނަ ފިޔަވަހި ގުޅޭ ޗެނަލް ސަރަހައްދުގައި ކުރިއަށް ގެންދަަން ހަމަޖެހިފައިވާ ފެސްޓިވަލަށް 80 ސްޓޯލް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ސްޓޯލްތަކަށް ދުވާލަކަށް 500 ރުފިޔާގެ ރޭޓުން 6 ދުވަހަށް 3000 ރުފިޔާ ދައްކަން ޖެހެއެވެ.

މި ފެސްޓިވަލުގެ ސްޓޯލްތައް ކުއްޔަށް ހިފުމަށް ހުށަހަޅާއިރު، އައިޑީ ކާޑު ކޮޕީ، އަދި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއްކަމުގައިވާނަމަ، އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ނުވަތަ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ދޫކުރާ ޕްރޮފައިލް ޝީޓް ހުށަހަޅަންޖެހޭނެއެވެ.

ސްޓޯލް ހިންގަން ހަަމަޖެހިފައިވާ ގަޑިތައް:

27 ޑިސެމްބަރުން 29 ޑިސެމްބަރަށް: 16:00 އިން 00:30އަށް
30 ޑިސެމްބަރުން 31 ޑިސެމްބަރަށް: 16:00 އިން 1:00އަށް
1 ޖަނަވަރީ 2026: 16:00 އިން 00:30އަށް

ނިއު އިޔާރ ފެސްޓިވަލްގެ ސްޓޯލް ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހެޅޭނީ އޮންލައިން ލިންކު https://forms.office.com/r/0sTJJRPPmJ މެދުވެރިކޮށެވެ.

ފޯމު ހުށަހެޅޭނީ މިމަހުގެ 22ވާ އާދީއްތަ ދުވަހުގެ 12:00 އިން ފެށިގެން 23 ޑިސެމްބަރުވާ ހޯމަ ދުވަހުގެ 12:00ގ ނިޔަލަށެވެ.