ޚަބަރު

ހިޔާ ފްލެޓްގެ މެއިންޓަނަންސަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާ އުނިކޮށްދޭނަން: ރައީސް


  • ހިޔާ ފްލެޓްގެ މެއިންޓަނަންސް ފީގެ 2 ލައްކަ ރުފިޔާ އުނިކޮށްދެއްވުމަކީ ރައީސްގެ ވަޢުދެއް

  • މި ޑިސްކައުންޓްދެއްވީ 7 އަހަރަށް ދައްކަންޖެހޭ ކުލި ކުޑަކޮށްދީގެން

ހިޔާ ފްލެޓުތަކުގެ މެއިންޓަނަންސްއަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާގެ ފީ މާފުކުރުމަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް އެބަދަލު އެގްރީމަންޓަށް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހިޔާގެ ރައްޔިތުންގެ ހުރި ހުރިހާ ކަންބޮޑުވުމަކަށް ހައްލު ގެނެސް ދެއްވުމަށް މަސައްކަތް ކުރައްވާކަމަށެވެ.

ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހިޔާގެ އެގްރީމަންޓު ބަދަލުވެގެންދާއިރު، އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ތެރޭގައި ވަޢުދުވެވަޑައިގެންނެވި ފަދައިން މެއިންޓަނަންސްގެ ފީގެ ގޮތުގައި ދައްކަންޖެހޭ 2 ލައްކަ ރުފިޔާގެ ފީ އުނިކޮށްދެއްވާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި ބައެއް ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއެކު އަރާފައިވާ ބެކްލޮގްގެ ކަންކަންވެސް ބައްލަވާ އެކަމުގައިވެސް ލުއިތަކެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާފައި އޮންނާނެ، 2 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވާނެކަމަށް. އެކަންވެސް އަޅުގަނޑު ދެންނެވިގޮތަށް އެކަން ކުރުމަށްޓަކައި އަޅުގަނޑު އެޗްޑީސީއަށް މިހާރު އޮންނާނީ ދަންނަވާފައި. އެހެންވީމަ ތިބޭފުޅުންގެ އެގްރީމަންޓު ބަދަލުވެގެންދާއިރު ތިވިދާޅުވީ ކަންބޮޑުވުންތައް އެއީ އަޅުގަނޑު ބަލާނެ ކަންތައްތައް. އެ 2ލައްކަ ރުފިޔާ އަޅުގަނޑު ދެންނެވިގޮތަށް އުނިކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތައް ކުރުމުގެ ކަންތައްތައް ކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފައިސާ ނުދެއްކި ބެކްލޮގް އަރާފައިވާ ފަރާތްތަކަށްވެސް ލުއިގޮތްތަކެއް ހޯއްދަވާދެއްވާނެކަމަށެވެ. އެގޮތުން އެކަން ބެލުމަށް އަންގަވާފައިވާކަމަށާއި ލިބޭ މަޢުލޫމާތަށް ބެއްލެވުމަށްފަހު އެކަމަށް ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ކުލީގެ މައްސަލައިގައި ރައީސް ވިދާޅުވީ ރައްޔިތުން ފާހަގަކުރި ކަންކަން ސީރިއަސްގޮތެއްގައި ބައްލަވާނެކަމަށެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިގޮތަށް ކުލީގެ ކަންކަމަށް ބަދަލު ގެންނަވާނެކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ.

އެގޮތުން މިހާރު އޮންނަ އުސޫލުގެ ދަށުން 7 އަހަރުން ފެށިގެން ކުލި ދައްކާ މިންވަރު ބޮޑުވާގޮތަށް އޮތްއޮތުން މުރާޖާކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އެސިސްޓަމަކީ ރަނގަޅު ސިސްޓަމެއް ނޫންކަމެއްކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ބޭންކްތަކުން ލޯނުނަގާފައިވާ ހިޔާގެ ރައްޔިތުންނަށްވެސް އެކަމުގައި ލުއިގޮތްތަކެއް ހޯއްދަވާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.