އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރާ ގައުމަކަށް އިނާމެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު ދެން ފީފާއިން ނިންމައިފި އެވެ.
ގަރަތުގެ ވެރިރަށް ދޯހާގައި ބޭއްވި ފީފާ އެކްސްކޯ ބައްދަލުވުމުގައި މި ގޮތަށް ނިންމީ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް 727 މިލިއަން ޑޮލަރު ދޭން ނިންމުމަށްފަހު އެވެ.
މި ފައިސާގެ ތެރެއިން 655 މިލިއަން ޑޮލަރު ދޭނީ ޓީމުތަކުން މުބާރާތުގައި ދައްކާ ކުޅުމަށް ބަލާފަ އެވެ. މި ގޮތުން ގްރޫޕް ސްޓޭޖުން ކަޓާ ކޮންމެ ޓީމަކަށް ވެސް ނުވަ މިލިއަން ޑޮލަރު ދޭނެ އެވެ. އަދި ކުއާޓާ ފައިނަލާ ހިސާބުން މުބާރާތުން ވަކިވެންދާ ޓީމުތަކަށް 33 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި އާޖެންޓީނާގެ ޓީމަށް އިނާމެއްގެ ގޮތުން ލިބުނީ 42 މިލިއަން ޑޮލަރެވެ. އޭގެ ކުރިން 2018 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބު ކުރި ފްރާންސަށް އިނާމެއްގެ ގޮތުގައި ލިބުނީ 38 މިލިއަން ޑޮލަރެވެ.
ފީފާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް އިނާމް ދޭކަން ރަސްމީކޮށް އިއުލާނުކުރީ 1982 ވަނަ އަހަރު އެވެ، އެ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އިޓަލީގެ ޓީމަށް ދީފައިވަނީ 2.2 މިލިއަން ޑޮލަރެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން އަންނަ އަހަރު ބާއްވާ މުބާރާތް ހުޅުވައިދޭނީ ޖޫން 11 ވަނަ ދުވަހު މެކްސިކޯ އާއި ދެކުނު ކޮރެޔާ ބައްދަލުކުރާ މެޗުންނެވެ.
ވޯލްޑް ކަޕުގެ އިނާމް ފައިސާ ކަނޑައަޅާފައިވާއިރު މުބާރާތުގެ ޓިކެޓް އަގުބޮޑުވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.