ޚަބަރު

ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓް މިއަހަރު 3 ފަރާތަކަށް


  • ފުރަތަމަ ގްރާންޓް ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއެކު ކެފޭއެއް ހިންގުމަށް

  • ދެވަނަ ގްރާންޓް ޕްލާސްޓިކް ރީސައިކަލް ކޮށްގެން ބާޒާރަށް އުފެއްދުންތަކެއް ނެރުމަށް

  • ތިންވަނަ ގްރާންޓް ހުޅުމާލޭ 2ވަނަ ފިޔަވަހީގައި އިސްލާމިކް އަރލީ ލަރނިން ސެންޓަރެއް ޤާއިމުކުރުމަށް

ބޭންކް އޮފް މޯލްޑިވްސްގެ "ސްޓާޓްއަޕް ގްރާންޓް 2025" ލިބޭ ފަރާތްތައް ޢިއުލާންކޮށްފިއެވެ.

ބީއެލްއެމްއިން ވަނީ، މިއަހަރު 3 ފަރާތަކަށް ސްޓާޓްއަޕް ގްރާންޓް ދެއްވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސްޓާޓްއަޕް ގްރާންޓަކީ، ވިޔަފާރީގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ އަހަރު ނުވާ ވިޔަފާރިއެއް ފުޅާކުރުމަށް ހިލޭ އެހީގެ ގޮތުގައި ބީއެމްއެލްއިން ދޭ 5 ލައްކަ ރުފިޔާގެ ފަންޑެކެވެ. މިގޮތުން ބީއެމްއެލްއިން ދަނީ، ކޮންމެ އަހަރަކުވެސް މިގޮތަށް އެހީ ލިބޭ ފަރާތްތައް ކަނޑައަޅާ އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަހަރު ސްޓާޓްއަޕް ގްރާންޓް ފުރަތަމަ ލިބިފައިވަނީ، އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއެކު ފެމެލީ ކެފޭއެއް ޤާއިމުކުރުމަށްޓަކައި "ރަށި ޕާކް"ގެ ނަމުގައި ޕްރޮޕޯސަލް ހުށައަޅާފައިވާ އިބްރާހީމް މިފްޟާލް ފަޔާޟްއަށެވެ. މިމަޝްރޫޢުގެ ދަށުން ކުޑަކުދިން ކުޅުމަށްޓަކައި އިންޑޯ ޕާކުގައި ވަޞީލަތްތައް ޤާއިމުކުރުމާއި، ބެލެނިވެރިންނަށް ކާބޯތަކެއްޗާއި، ވައިފައި ލިބޭނެހެން ލައުންޖް އޭރިއާއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ, އައްޑޫ ސިޓީގައި ތަރައްޤީ ކުރާ މިފަދަ ފުރަތަމަ ޕާކެވެ.

ދެވަނައަށް ހޮވިފައިވަނީ، "ރަށު ޕްލާސްޓިކް ޕްރޮޖެކްޓް"ގެ ނަމުގައި މުޙައްމަދު މިމްރާޙް ހުށައަޅާފައިވާ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވި ތަކެތި އުފެއްދުމަށް ހުށައަޅާފައިވާ ޕްރޮޕޯސަލްއަށެވެ. މިމަޝްރޫޢުގެ ރީސައިކްލިންގ ސެޓަޕް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ވ.ފެލިދޫގައެވެ. މީގެ ދަށުން އެއްކުރާ ޕްލާސްޓިކް ބޭނުން ކޮށްގެން ގަޑިއާއި، ކީޗެއިން އަދި އަވިއައިނު ފަދަ ވިއްކޭނެ ބާވަތްތަކުގެ ތަކެތި އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ ސްޓާޓްއަޕް 3 ވަނަ ގްރާންޓް ލިބުނީ، ހުޅުމާލޭ ފޭސް 2 ގައި ލޭޑީބަރޑް ކިންޑަރގާޑެންއެއް ތަރައްޤީކުރުމަށްޓަކައި ޝައްމާ ނަދީމަށެވެ. މި މަޝްރޫޢުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢުމުރުން 3 އަހަރާއި، 6 އަހަރާއި ދެމެދުގެ ކުދިންނަށް، އެކުދިންގެ ޢުމުރާ ގުޅޭ ޙަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ކަރިކިއުލަމްގެ ސްޓޭންޑަޑްތަކާ އެއްގޮތަށް ދީނީ ތަރުބިއްޔަތު ދިނުމަށް އިސްލާމިކް އަރލީ ލަރނިންގ ސެންޓަރެއް ޤާއިމުކުރަންޖެހެއެވެ.

ބީއެމްއެލްއިން ބުނީ، ސްޓާޓްއަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވާފައިވަނީ، 2 ސްޓޭޖަކަށް ބަހާލައިގެން ވާދަވެރި އިވެލުއޭޝަނަކަށްފަހު ކަމަށެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ 10 ވިޔަފާރިއެއް ޝޯޓްލިސްޓްކޮށް ދެވަނަ މަރުޙަލާގައި އެވިޔަފާރިތަކުން ވިޔަފާރީގެ ޕްލޭން ހުށައަޅައިގެން ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

މީގެކުރިން ކޮންމެ އަހަރަކުވެސް ދެ ފަރާތަކަށް މި ގްރާންޓް ދޫކުރި ނަމަވެސް މިއަހަރު ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭންކުން ވަނީ، މިއަހަރު ޖުމްލަ 3 މަޝްރޫޢަކަށް އެހީ ދޭނެކަން ކުރިން ހާމަކޮށްފައެވެ. މިއީ، ވިދިވިދިގެން ސްޓާޓަޕް ގްރާންޓް ދޭ 4 ވަނަ އަހަރެވެ.