އަހަރުގެ މިހާތަނަށް އޮސްޓްރެލިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު %13 އިތުރުވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ވަނީ 40,490 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު ނިމުނު އިރު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 35،818 ފަތުރުވެރިންނާ އަޅާ ބަލާއިރު %13 އިތުރު އަދަދެކެވެ.
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދަކަށް އައި ކުރިއެރުމާއެކު އެޤައުމުން މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ލިސްޓުން ޖާގަ ހޯދާފައެވެ.
1- ޗައިނާ
2- ރަޝިޔާ
3- އިނގިރޭސިވިލާތް
4- ޖަރުމަންވިލާތް
5- އިޓަލީ
6- އިންޑިޔާ
7- އެމެރިކާ
8- ފްރާންސް
9- ސްޕެއިން
10- އޮސްޓްރޭލިއާ
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނު އިރު އޮސްޓްރޭލިއާއަކީ ރާއްޖެއަށް 12 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ 10 ގައުމުގެ ލިސްޓުން އޮސްޓްރޭލިއާ ޖާގަ ހޯދާފައިމިވަނީ ސްވިޒަރލޭންޑު ފަހަތަށް ޖައްސާލުމަށްފަހުއެވެ.
ތަފާސްްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 2.1 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު %9.6 އިތުރު އަދަދެކެވެ.