އިނގެރޭސި ޕްރިމިއަރ ލީގުގެ މިސީސަންގެ އެންމެ އަވަސް ގޯލުގެ ރިކޯޑު ލިވަރޕޫލް އެފްސީއިން މުގުރާލި ދަނޑިވަޅު، މުޅި އެންފީލްޑް ސްޓޭޑިއަމްގައި ދިވެހިރާއްޖޭގެ ބްރޭންޑިންގއަށް އަނެއްކާވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
މިހާރު ކުރިއަށްދާ އިނގިރޭސި ޕްރިމިއާ ލީގުގައި އެންފީލްޑް ސްޓޭޑިއަމްގައި ލިވަޕޫލް އެފްސީ އާއި ބްރައިޓަން ވާދަކުރި މެޗުގައި، އެލްއެފްސީއިން މި ސީސަންގެ އެންމެ އަވަސް ގޯލުގެ ރިކޯޑް މުގުރާލީ ހިއުގޯ އެކިޓީކޭ މެޗު ފެށިތާ އެންމެ 46 ސިކުންތުތެރޭގައި ޖެހި ގޯލާއެކުއެވެ. މި ދަނޑިވަޅު ދިމާވީ، ދިވެހިރާއްޖޭގެ ބްރޭންޑިންގ މުޅި ދަނޑުގައި ދިއްލާލާފައިވި ދަނޑިވަޅާއެވެ.
ލިވަޕޫލް ފުޓުބޯޅަ ކްލަބާއެކު ގާއިމްކޮށްފައިވާ ޑެސްޓިނޭޝަން ޕާޓްނާޝިޕްގެ ދަށުން، ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިންގ އެންފީލްޑްގެ އެލްއީޑީ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުގައި އެޓީމުގެ ކޮންމެ ހޯމް މެޗެއްގައި ވެސް ދައްކާލައެެވެ. 2024/2025 ސީޒަން ލިވަރޕޫލް އެފްސީއިން ކާމިޔާބު ކުރި ތާރީޚީ ލަނޑު ޖެހި ވަގުތަކީވެސް ހަމަ މިފަދައިން ރާއްޖޭގެ ބްރޭންޑިންގް ސްޓޭޓިއަމްގައި ދިއްލާލި ވަގުތެވެ.
ވިިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ލިވަޕޫލް އެފްސީއާ އެކު ގާއިމްކޮށްފައިވާ ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ތަފާތު ފުރުސަތުތަކާއި، ލަގްޒަރީ ރިސޯޓްތައް މުޅި ދުނިޔެއަށް ދައްކާލެވޭނެއެވެ. ސްޓޭޑިއަމްގެ ލެޑް ބޯޑޫތަކުގައި ތަފާތު ގޮތްގޮތަށް ރާއްޖޭގެ ބްރޭޑިންގް ދައްކާލުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ގިނަ ކެމްޕޭންތައް ދަނީ ހިންގަމުންނެވެ. އެގޮތުން މިދިޔަ މަހު، 10 ބަހަކުން ރާއްޖޭ އިސްތިހާރުކުރުމަށް ލި ލެޑް ބޯޑުތައް ވަނީ ބޭނުންކުރެވިފައެވެ.
ލިވަޕޫލް އެފްސީއާ އެކު ގާއިމުކުރެވުނު ޕާޓްނާޝިޕްގެ ދަށުން އެ ކްލަބުގެ ލެޑްބޯޑްތަކާއި ސޯޝަލް މީޑިއާގެ އެކި ކެމްޕޭންތަކާއި ޕޯސްޓްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ އެކި ފުރުސަތުތައް އަންނަނީ ހޯދައިދެމުންނެވެ. 180 ގައުމެއްގައި ދައްކާ މި މެޗުތަކުގެ ޒަރިއްޔާއިން އެތައް ބަޔަކަށް ރާއްޖޭގެ ސަމާލުކަން ލިބި، ދުނިޔޭގެ އެންމެ ގިނަ ބަޔަކު ދަންނަ ފަތުރުވެރިކަމުގެ މަންޒިލުގެ ގޮތުގައި ރާއްޖެއިން ގާއިމްވެ އޮތުމަކީ އަމާޒެކެވެ.