ޚަބަރު

އަހަރުގެ މިހާތަނަށް 2.1 މިލިޔަން ފަތުރުވެރިން


  • ފަތުރުވެރިންގެ އަދަދުވަނީ %10 އިތުރުވެފައި

  • ޗައިނާއިން 3 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2،106،122 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ، 1،912،304 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %10 އިތުރުވުމެކެވެ.

ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިމަހުގެ ފުރަތަމަ 13 ދުވަސްތެރޭ ރާއްޖެއަށް ވަނީ 84،061 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %12 އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު:

* ޗައިނާ: 320،721 ފަތުރުވެރިން
* ރަޝިއާ: 263،172 ފަތުރުވެރިން
* އިނގިރޭސިވިލާތް: 189،513 ފަތުރުވެރިން
* ޖަރުމަނުވިލާތް: 158،585 ފަތުރުވެރިން
* އިޓަލީވިލާތް: 137،188 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިޔަން ފަތުރުވެރިންނަށްވެރެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު، 2 މިލިޔަން ފަތުރުވެރިން ހަމަވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން އައީ މިދިޔަ އަހަރުއެވެ. އެ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެމްބަރ 26 ވަނަ ދުވަހުއެވެ. މިއަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ މިދިޔަ އަހަރާއި އަޅާބަލާއިރު 1 މަސްދުވަހު ކުރިންނެވެ.

ފަތުރުވެރިނަކަމާ ގުޅޭ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،466 ފަތުރުވެރިން އާދެއެވެ.