ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެންބަރޝިޕްގައި ބައިވެރިވުމުގެ ލުއި ފުރުސަތުތަކެއް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށާއި، ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަހިކޮށްދޭ ފުރުސަތުތަކެއް ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވީ، އަންނަ އަހަރު ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ބައިވެރި ވެވޭނެ ފަދަ އަގުހެޔޮ މެންބަރޝިޕް ފުރުސަތުތަކެއް ތަޢާރަފްކޮށް ފަތުރުވެރިކަމުގެ ސިނާޢަތުގެ މާކެޓިންގ ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި އަދި ކުދި ވިޔަފާރިތަކުންވެސް ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދެވޭކަން ޔަޤީން ކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މެންބާޝިޕް ފީގެ އިތުރުން ރޯޑް ޝޯތަކާއި، ފަތުރުވެރި ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ހެޔޮކޮށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބެނާގެ ދަށުން ބައިވެރިވާ ހަރަކާތްތަކުގައި ނޮން-ފިޒިކަލް ޕާޓިސިޕޭޝަންގެ ފުރުސަތު ދިނުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ. މިގޮތުން ޑިޖިޓަލް ޝޯވ ކޭސް ރެޕްރެޒެންޓޭޓް ކޮށްދިނުމާއި، ވިޔަފާރިތައް ފުޅާކޮށް މާކެޓު ކުރުމަށް އެކި ފުރުސަތުތައް ފަހިކޮށްދީ، ވިޔަފާރިތައް ބައިނަލްއަޤުވާމީ މާކެޓުގައި ފުޅާކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރާވައިގެން ހިންގާ ކޮންޓެންޓް ދަތުރުތަކުގައި ބައިވެރިވެ، ރިސޯޓް ނުވަތަ ގެސްޓުހައުސް ފަދަ ވިޔަފާރިތަކަށް އެތަންތަން އިޝްތިހާރު ކުރުމަށް ބޭނުން ކުރެވޭނެ ފެންވަރު ރަނގަޅު ކޮންޓެންޓު ފޯރުކޮށްދޭނެ ކަމަށްވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.