ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުވަނީ ބޮޑު 2 ޑްރެޖަރު ގެނެސްފައެވެ.
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އެކި ފަހަރު މަތިން ބިން ހިއްކުމުގެ މަސައްކަތް މިވޭތުވެދިޔަ މުއްދަތުގައި ހުއްޓިފައި އޮތުމަށްފަހު އެމަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ގައެވެ.
މި މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މިހާރުވަނީ 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ކެޕޭސިޓީގެ ބޮޑު 2 ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ ގެނެސް ބިން ހިއްކަން ފަށާފައިވަނީ ނޮވްމެބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
Hulhumalé Phase 3 Land Reclamation Project Update:
— Maldives Airports Company Ltd (@MACLmedia) December 13, 2025
31 hectares of land have been reclaimed so far, representing 49.2% of the total land reclamation. Under this project, a total of 63 hectares of land will be reclaimed, and we expect to complete the project within 1.5 months. pic.twitter.com/2tiHONKiN7
ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލްއިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ނިޔަލަށް 31 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާކަމަށެވެ.
މިއީ ހުޅުމާލޭ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން %49.2 މަސައްކަތެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
ފޭސް 3 ގެ ބިން ހިއްކުމަށްފަހު ބޮޑު ޑްރެޖަރުތައް ދެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތެވެ. މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް މިސަރަޙައްދުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކެއް ސަރުކާރުން ގެންވަނީ ހިންގަމުންނެވެ.
މިގޮތުން ރަސްމާލެއާއި ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، ގިރާވަރުފަޅާއި، އުތުރުތިލަފަޅު އަދި ގުޅިފަޅު ހިއްކުމުގެ މަސައްކަތްވަނީ ތާވަލުކުރެވިފައެވެ.