ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެޑައިގެންފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މިރަސްމިއްޔާތުގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އާއ،ި ދުވާފަރު ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިމަޝްރޫޢުގެ ދަށުން 15.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 812 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 450 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެވެ. މިއ،ީ 172.93 މިލިޔަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މީގެކުރިންވެސް ރ. ދުވާފަރުގައި ބިއްކުމުގެ މަޝްރޫއެއް ވަނީ ކުރިއަށްގެންގޮސްފައެވެ. 2021 ވަނަ އަހަރު މަސައްކަތް ފަށައި 2022 ވަނަ އަހަރު ވަނީ އެ މަޝްރޫޢު ނިންމާލާފައެވެ. ދުވާފަރުން ބިން ބޮޑުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި އެރަށު ފަޅުން 22.2 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ހިއްކާފައެވެ. ދުވާފަރުގެ މިހާރުގެ ބިމުގެ ބޮޑުމިނަކީ 49.5 ހެކްޓަރެވެ.
5047 މީހުންގެ އާބާދީއެއް އޮންނަ ދުވާފަރު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ޢަމަލީ މަސައްކަތް ފެށިގެންދިޔަ މަޝްރޫޢުގެ މަސައްކަތް ނިމުމުން ހިއްކި ބިމުން ރަށު ރައްޔިތުންނަށް ގޯތި ލިބުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ސިނާޢީ މަސައްކަތްތައް ކުރުމަށްވެސް ހިއްކި ބިމުން ޖާގަ ތަނަވަސްވެގެންދާނެއެވެ.
މީގެ އިތުރުން ރަށުގެ އިރުމަތީ ފަރާތް ވަރަށް ބޮޑަށް މިހާރު ގިރަމުންދާއިރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމާއެކު ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް ރައްޔިތުންނަށް ލިބޭނެއެވެ. މިކަމުގެ ސަބަބުން ރަށަށް އިޖްތިމާޢީ ގޮތުންނާއި އަދި އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް އަންނާނެކަމަށް އެމްޓީސީސީން ޤަބޫލުކުރަމެވެ.