ޚަބަރު

11 މަސް ދުވަހުގެތެރޭ މާކުރަތު ފުލުހުންގެ މަރުކަޒު ނިންމައި ހުޅުވައިފި


  • މި މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީވެސް، އަދި 11 މަސްފަހުން ހުޅުވައިދެއްވީވެސް ވަޒީރު އިހްސާން

  • މި މަރުކަޒާއިއެކު ފުލުހުން ކުރަމުންދާ މަސައްކަތައް އިތުރު ފަސޭހައެއް ލިބިގެންދާނެ

ރ. މާކުރަތުގައި އަލަށް އިމާރާތް ކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފިއެވެ. މި މަރުކަޒު ހުޅުވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާންއާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ.

ރ. މާކުރަތު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ މިއަހަރުގެ ޖަނަވަރީ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

1 އަހަރު ނުވަނީސް މާކުރަތު ފުލުހުންގެ މަރުކަޒު ވަނީ ހުޅުވާފައެވެ. މިކަމަށްޓަކައި އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިއަދު ހުޅުވި އިމާރާތުގެ ބިންގާ އަޅާދެއްވީވެސް ވަޒީރު މިއަދު އެމަރުކަޒު ހުޅުވައި ދެއްވި ވަޒީރު އިހުސާންއެވެ.

މި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ މި މަރުކަޒާއިއެކު ފުލުހުން ކުރަމުންދާ މަސައްކަތައް އިތުރު ފަސޭހައެއް ލިބިގެންދާނެކަމަށެވެ. އަދި ކުށްމަދު މުޖްތަމައުއެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތައް އިތުރު ބާރަކަށް ވެގެންދާނެކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން މި ދައުރުގެ ތެރޭގައި ބިންގާ އަޅައި މަސައްކަތް ނިންމި 2ވަނަ މަރުކަޒަކީ، ރ. މާކުރަތުގައި ހުޅުވި ފުލުހުންގެ މަރުކަޒެވެ.