އދ.ގެ ރިޕޯޓްތައް ބުނާގޮތުން ނުކުޅެދުންތެރިކަމެއް ނެތް ކޮންމެ 100 މީހެއްގެ ތެރެއިން 56 މީހަކަށް ވަޒީފާގެ ފުރުޞަތު އޮތްއިރު، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ 100 މީހެއްގެ ތެރެއިން ވަޒިފާގެ ފުރުސަތު އޮންނަނީ އެންމެ 26 މީހުންނަށެވެ. އަދި ތަރައްގީވަމުން އަންނަ ޤައުމުތަކުގައި މި ފަރަގު މާބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ. ތަޖުރިބާކާރުން ބުނާގޮތުން ވަޒީފާ ނުލިބުމަކީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ ނިކަމެތިކަމެއް ނޫނެވެ.
އެކަމުގެ ސަަބަބުން ޤައުމީ ތަރައްޤީގެ މަސައްކަތުން ޤައުމުގެ ދަރީންތަކެއް ބާކީކޮށްލެއްވޭކަންވެސް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ. ނަތީޖާއަކަށް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވަޒީފާ އަދާކޮށްގެން ޤައުމީ ތަރައްޤީއަށް ވެދެވެން އޮންނަ އުފެއްދުންތެރިކަމުގެ ހިއްސާ ނުވެވި، ޤައުމަށް ލިބެން އޮތް މަންފާތަކެއް ގެއްލިގެން ދިއުމެވެ.
ރާއްޖެއަށް ބަލާލާއިރު މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ 14832 ފަރާތެއް ދަފްތަރު ކުރެވިފައިވެއެވެ. މި ފަރާތްތައް 8 ގިންތިއަކަށް ބަހާލެވޭއިރު އެންމެ ގިނައިން ދަފްތަރު ކުރެވިފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. އެއީ 4169 ފަރާތެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މިހާތަނަށް އައިއިރު ސަރުކާރުތަކުން ކޮށްދެއްވަމުން އައި މައިގަނޑުކަމަކީ ފައިސާގެ އިނާޔަތެއް ދެއްވުމެވެ. އެ ފަރާތްތަކަށް ދެމެހެއްޓެނިވި އަބުރުވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވުމަށް އެއްވެސް ސަރުކާރަކުން މިހާތަނަށް މާބޮޑު މަސައްކަތްތަކެއް ކުރައްވާފައެއް ނުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ބާކީވެފައި ތިބި ބައެއްގެ ގޮތުގައި ތިބި ތިބުމަށް ނިމުން ގެނައުމުގެ މަސައްކަތްތަކެއް ފެށިގެންދިޔައީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައެވެ. ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ފުރުސަތުތައް ފަހިކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް އޭރު ފެނިގެންދިޔައެެވެ. ނަމަވެސް ވެރިކަން ބަދަލުވި ހިސާބުން އެ މަސައްކަތް މަޑުޖެހިގެންދިޔައެވެ.
އަހަރުތަކަކަށްފަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާއާއި އެހެނިހެން ފުރުސަތުތައް ފަހިކޮށްދިނުމުގެ މުޅިން އައު ސަފްހާއެއް ހުޅުވިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒައާމަތާއި ހަވާލުވެވަޑައިގަތުމަށްފަހުއެވެ. އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެއްވީ ހަމައެކަނި ގާނޫނުގައި ބުނާ މިންވަރަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މައްޗަކަށް ނޫނެވެ. އޭގެބަދަލުގައި ޤައުމީ ތަރައްޤީގެ މަސައްކަތުގަޔާއި އިޤްތިޞާދު ކުރިއެރުވުމުގައި އަދި އިޖްތިމާއި ތަރައްޤީގެ މަސައްކަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި ހިއްސާ ބޮޑުކުރެއްވުމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކެއް އެކަށައަޅައި، ތަންފީޒުކުރަން ފެއްޓެވިއެވެ.
ކުރީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލާފައި އޮތްނަމަވެސް އެފަދަ މީހުން ދެނެގަތުމަށް ދިރާސާއެއް ހަދައި ހުރިހާ ފަރާތްތަކެއްގެ މައުލޫމާތުތައް އެއްކޮށްފައިނުވާތީ، މި ސަރުކާރުން އެ މަސައްކަތް ފުރިހަމަކޮށް، ނިންމެވިއެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އަދާހަަމަކޮށް ބަލަހައްޓަން ފެއްޓެވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމް ހާސިލްކުރުމަށް މީގެކުރިން މާގިނަ ފުރުސަތުތަކެއް ފަހިވެފައެއްް ނެތްއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކިޔަވައިދިނުމުގެ ނިޒާމު ފުރިހަމަކުރުމުގެ މަސައްކަތް ފެއްޓެވިއެވެ.
އަންނަ އަހަރު ސަރުކާރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދާނެ އެންމެ ބޮޑު މަޝްރޫއުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިއުކޭޝަން (ސެން) ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ރަސްމީ ތައުލީމަށްފަހު ވަޒީފާއެއް ހޯދުމަކީ ނުކުޅެދުންތެރިކަމެއް ނެތް މިހަކަށްވެސް ފަސެހަ ކަމަކަށް ނުވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަމުގައި ދިމާވާނެ ދަތިތައް މާ ގިނަ ވާނެއެވެ. އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތައް ހޯއްދަވައިދެއްވުމުގެ މަސައްކަތް ސަރުކާރުން އަލުން ފެއްޓެވިއެވެ.
ސަރުކާރަށް ދެ އަހަރު ވެގެންދާއިރު ނުކުޅެދުންތެރިކަން ހުންނަ 300 އަށްވުރެ ގިނަ މީހުންނަށް ސަރުކާރުން ވަޒިފާގެ ފުރުސަތުތައް ވަނީ ފަހިކޮށްދެއްވާފައެވެ. އޭގެތެރޭގައި ސިވިލް ސަރވިސްއާއި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ހިމެނެއެވެ. އަދި އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯއްދަވައިދެއްވުމުގެ މަސައްކަތްވެސް ދަނީ ކުރައްވަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މީގެކުރިން އުސޫލެއް އެކުލަވާނުލައި، ޔަގީންކަމެއް ނެތް ގޮތަށް ސަރުކާރުން ވަޒީފާ ދެއްވިނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަޒީފާތައް ހަމަޖައްސަވަމުން ގެންދަވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަށް ޚާއްސަ ސިޔާސަތެއް އެކުލަވާލައްވައިގެނެވެ.
އެ ސިޔާސަތުގެ ދަށުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ އިތުރުން، އެ ފަރާތްތަކަށް ވަޒީފާ އަދާކުރެވޭނެ އަދި ރައްކާތެރިކަން އިހުސާސްވާފަދަ މާހައުލެއް ގާއިމްވެފައިވާކަންވެސް ސަރުކާރުން ކަށަވަރުކޮށްދެއްވައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދެއްވާ އޮފީސްތަކުގެ މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފޯރުކޮށްދީ، އޮފީސްތަކުގެ އިންފްރާސްޓްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ދަނީ ގެންނަވަމުންނެވެ.
ކުޅިވަރުގެ މައިދާނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރެވޭ ގޮތާއި ހައިސިއްޔަތު ލިބިފައި އޮންނަ މިންވަރު ވަރަށް ކުޑައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގަބޫލުކުރެއްވީ ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމަށް އެހެން އެތުލީޓުންނަށް އޮންނަ ފުރުސަތުތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އޮންނަންޖެހޭނެކަމަށެވެ. އެ ފުރުސަތުތައް ފަހިކޮށްދެއްވުމުގެ އިތުރުން، ސަރުކާރުން ވަނީ ކުޅިވަރު ގާނޫނަށް އިސްލާހު ގެންނަވައި، ޕެރަލިމްޕިކް ކޮމިޓީއަކީ ގާނޫނީ ވަކި ޝަހްސަކަށް ހައްދަވާފައެވެ. އަދި ޤައުމީ ކުޅިވަރާ ބެހޭ މަޖިލީހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާނެ މެންބަރަކުވެސް ވަނީ ހިމަނުއްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވިޔަފާރީގެ ރޮނގުން ކުރިއަށް ދިއުމަށް ދަތިތައް ނައްތާލައި، ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން މާލީ އެހީ ލިބޭނެ ސްކީމްތައް ތައާރަފް ކުރައްވާފައެވެ.
ވިޔަފާރީގެ ދާއިރާއިން ކަނބަލުން ކުރިއެރުވުމަށް ހުޅުވާލެއްވި 100 މިލިޔަން ރުފިޔާގެ ލޯން ސްކީމްގެ 25 އިންސައްތަ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކުރައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އެފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން އާންމުންނަށް ދައްކާލުމަށް ހާއްސަ ހަރަކާތްތައް އިންތިޒާމް ކުރައްވަމުންދާއިދު، މޯލްޑިވްސް އެކްސްޕޯ ފަދަ ބޮޑެތި މައުރަޒުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީތައް ހިމަނުއްވައި، އެ ފަރާތްތަކުގެ ވިޔަފާރިތަކާއި އުފެއްދުންތައް ޕްރޮމޯޓްކުރެވޭނެ މަގު ފަހިކުރުމަށް ގިނަ މަސައްކަތްތައް ގައުމީ ފެންވަރުގައިވެސް އަންނަނީ ހިންގަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން، އެހެން ރައްޔިތުންނަށް ދައުލަތުގެ ތެރެއިން ލިބޭ ފަހި ފުރުސަތުތައް އެ ފަރާތްތަކަށްވެސް ލިބޭކަން ޔަގީންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު، ތައުލީމު، ވަޒީފާ، ކުޅިވަރު، އިޖްތިމާއި އަދި ވިޔަފާރީގެ ދާއިރާއިން މީގެކުރިން ފަހިވެފައި ނުވާ އެތައް ފުރުސަތުތަކެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިއަދު ވަނީ ފަހިވެފައެވެ.
މި ފުރުސަތުތަކަކީ އެ ފަރާތްތަކަށް ހޯދައިދެވޭ އުޖާލާ މުސްތަގުބަލެއްގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދައުރާ ނުލާ ގައުމު ބިނާ ނުކުރެވޭނެކަން މުޖްތަމަޢުއިން ގަބޫލުކުރާކަން އަންގައިދޭނެ ކަންކަމެވެ.
މީގެކުރިން އެއްވެސް ސަރުކާރަކުން ހައްލުކުރަން ކެރިވަޑައިނުގެންނެވި ނުވަތަ ހައްލު ނުހޯއްދެވުނު ޤައުމީ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމުގައި ހޯއްދަވަމުން ގެންދަވާ ކާމިޔާބީއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިއަދު އެ ސާބިތު ކޮށްދެއްވަނީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން، ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އިހްލާސްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، ހުރިހާ ރައްޔިތުންގެ ޝާމިލުވާ، ވިލުންތެރި، ރައްކާތެރި، ފާގަތި، ފުދުންތެރި އަދި ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން ކުރިއަރާފައިވާ މުޖްތަމައެއް ބިނާކުރެވޭނެކަމުގެ އަލިގަދަ ހެއްކެވެ.