ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ދޫކޮށްލާފައި ހުރި 787 އުޅަނދު ނަގައިފިއެވެ.
ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމަށް ކުރި މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. ފުލުހުން މި މަސައްކަތް ކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 7 އިން ފެށިގެން 11 ވަނަ ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށެވެ.
މި މުއްދަތުގެ ތެރޭގައި ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 އިން ޖުމްލަ 787 އުޅަނދެެއް ފުލުހުން ވަނީ ޓޯ ކޮށްފައެވެ. މީގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދަކާއި ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑު ނެތި މަގުމަތީގައި ބަހައްޓާފައި ހުރި 186 އުޅަނދެއް ހިމެނެއެވެ. އަދި މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރި 349 އުޅަނދެއްވެސް ޓޯކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިގޮތަށް ޓޯކުރެވޭ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ އެންމެހައި ޓްރެފިކް ޖޫރުމަނާ ދެއްކުމަށްފަހު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ދިއުމުން ފުލުހުން ދޫކުރާ ސްލިޕާއެކު ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމް ހަމަޖެހޭނެކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ޓޯ ކުރާ އުޅަނދުތައް ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިޔުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުންކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މިގޮތަށް ގެންދާ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ފުލުހުން ކަށަވަރުކުރާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
ޓޯ ކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސްހުރި އުޅަނދުތަކާމެދު ޓޯ ކުރާ އުޅަނދުތަކާ ގުޅޭގޮތުން އަމަލުކުރަމުންދާ އުޞޫލުގެ ތެރެއިން އަމަލުކުރާނެކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން ޓޯ ކުރާ އުޅަނދުތައް 7 ދުވަސް ފަހުން އާންމުކޮށް އިޢުލާންކޮށް އުޅަނދުތަކާ ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ހަވާލުނުވެ ހުރި އުޅަނދުތައް ޤާނޫނާއި ޤަވައިދުތަކުގައި ވާގޮތުގެމަތިން ނައްތާލުމުގެ މަސައްކަތް ކުރަމުންގެދާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވަނީ މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީ، މަސައްކަތުގައި ބައިވެރިވި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކަށް ޝުކުރު އަދާކޮށްފައެވެ. މި މަސައްކަތުގެ ސަބަބުން ހުޅުމާލެ މަގުތަކަށް އައިސްފައިވާ ހިތްފަސޭކަމާއި ފަސޭހަކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށާއި، މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.