ޚަބަރު

އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރަން ޝަރުތު ހަމަވަނީ 4 ސިޔާސީ ޕާޓީއަށް!


  • އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރާނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޕީއެންސީއަށް

  • ފައިސާ ދޫކުރަނީ އެއަހަރެއްގެ ބަޖެޓް ފާސްކުރާއިރު 10000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި

  • މިއަހަރުގެ ބަޖެޓުން 5 ސިޔާސީ ޕާޓީތަކަށް 27 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައި

އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށްދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ 4 ސިޔާސީ ޕާޓީއަކަށެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން އަންނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަސްކަމުގައިވާ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އެކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 10000 މެންބަރުން ހަމަވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ އިތުރުން ސަރުކާރު ހިންގާ ޕީއެންސީގައެވެ.

މިއަހަރުގެ ބަޖެޓުން ފައިސާ ދޫކުރީ 5 ސިޔާސީ ޕާޓީއަކަށެވެ. މީގެ ތެރެއިން ޤާނޫނުގައި ބުނާ އަދަދަށް މެންބަރުންގެ އަދަދު ހަމަނުވުމުން އަންނަ އަހަރު ބަޖެޓުން ފައިސާ ލިބޭ ލިސްޓުން އުނިވާނީ އަދާލަތު ޕާޓީއެވެ.

އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތައް:

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
ޖުމްހޫރީ ޕާޓީ ( ޖޭޕީ)
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)

އެންމެ ގިނަ އަދަދެއްގެ މެންބަރުންތިބި ޕާޓީއެއްގެ ގޮތުން މިއަހަރުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ދޫކުރީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ.

މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކުން ދޫކުރި ފައިސާގެ ތަފްސީލު:

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 13,316,689.57ރ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 8,454,780.51ރ
ޖުމްހޫރީ ޕާޓީ (ޖޭޕީ) - 2,656,598.57ރ
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 1,769,648.69ރ

އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖޫން މަހުގެ ނިޔަލަށް 10000 މެންބަރުން ތިބީ 3 ސިޔާސީ ޕާޓީއެއްގައެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރި ތާރީޚާއި ހަަމައަށް ޤާނޫނުގައި ބުނާ މިންވަރަށް މެންބަރުންގެ އަދަދު ހަމަވާ ޕާޓީތަކުގެ އަދަދުވަނީ 4 އަށް އިތުރުވެފައެވެ.

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު:

• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 68665 މެންބަރުން
• ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 43765 މެންބަރުން
• ޖުމްހޫރީ ޕާޓީ (ޖޭޕީ) - 13456 މެންބަރުން
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 9011 މެންބަރުން
• އަދާލަތު ޕާޓީ (އޭޕީ) - 8844 މެންބަރުން

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކަށްވެސް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރާނެއެވެ. އެއަދަދަށް ފައިސާ ދޫކުރާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި, ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެއެވެ.