އެމެރިކާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިނގިރޭސިން ގަދަ ގްރޫޕެއްގައި ހިމެނިއްޖެއެވެ.
އެމެރިކާގެ ޖޯން އެފް ކެނެޑީ ސެންޓަރުގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި އިނގިރޭސިން ލައްވާނީ ގްރޫޕް އެލްގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދި ކްރޮއޭޝިޔާ އާއި ގާނާ އާއި ޕެނަމާ އެވެ. މި ގްރޫޕަށް ބަލާއިރު އެންމެ ޝައުގުވެރިވާ ކަމަކީ އިނގިރޭސިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ހަތަރު ވަނަ އަށް ދިޔަ ދަތުރު ފެށީ ޕެނަމާ ކޮޅަށް ހަ ލަނޑު ޖަހައިގެން ކަމަށްވުމެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މުބާރާތުގެ މި ތިން ގައުމުގެ ގުރު ނަގައިދެއްވީ ގައުމުތަކުގެ އެންމެ އިސްވެރިންނެވެ. އެމެރިކާގެ ގުރު ނަގައިދެއްވީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މެކްސިކޯގެ ގުރު ނަގައިދެއްވީ ރައީސް ކްލައުޑިއާ ޝެއިންބައުމެވެ. ކެނެޑާގެ ގުރު ނަންގަވައި ދެއްވީ ބޮޑު ވަޒީރު ކާނޭ އެވެ.
މި ފަހަރުގެ މުބާރާތަކީ ފުރަތަމަ ފަހަރަށް 48 ގައުމު ބައިވެރިކޮށްގެން ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ.