ޚަބަރު

ގައްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި


  • މިއީ 30 އެނދުގެ ހޮސްޕިޓަލެއް

  • މުޅި މަޝްރޫޢަށް 101.70 މިލިޔަން ރުފިޔާ ޚަރަދުވޭ

  • 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

ގދ. ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެކަމަށްޓަކާ ގައްދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީއާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ގައްދޫ ކައުންސިލް މެންބަރުން އަދި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން 18613 އަކަޓޫފުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ޞިއްޙީ ޚިދުމަތްދޭ ބްލޮކެއް ތަރައްޤީކުރާނެއެވެ. އަދި 2563 އަކަފޫޓުގެ ސަރަޙައްދެއްގައި 1 ފަންގިފިލާގެ އެހެނިހެން ޚިދުމަތްދޭ ބްލޮކަކާއި، 3573 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މުޅި މަޝްރޫޢަށް 101.70 މިލިޔަން ރުފިޔާ ޚަރަދުވާއިރު، މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

2700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި ޞިއްޙީ ޚިދުމަތް މިވަގުތު ދެމުން އަންނަނީ ޞިއްޙީ މަރުކަޒަކުންނެވެ. ގައްދޫ ހޮސްޕިޓަލުގެ މަސައްކަތް ނިމުމާއެކު ގައްދޫއިން ލިބޭ ޞިއްޙީ ފަރުވާ ފުޅާވެ، ގައްދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ގިނަ ބަލިތަކަކަށް ބޭސްފަރުވާ ކުރުމުގެ މަގު ފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.