ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދު ހޯމަ ދުވަހު ހުޅުވާލަނީ


  • ސެގްމަންޓް 1ގައި 140 މީޓަރު ވަނީ ތަރައްޤީކޮށްފައި

  • މުޅި މަޝްރޫޢުގައި ޖުމްލަ 1088 މީޓަރު ތަރައްޤީކުރޭ

  • ދެވަނަ ފިޔަވަހީގައި ނޯތު ހާބަރާ ހަމައަށް ތަރައްޤީކުރާނެ

ބޮޑުތަކުރުފާނު މަގުގައި މިހާރު ތަރައްޤީކުރަމުންދާ ސަރަޙައްދުގެ ހުރިހާ މަސައްކަތްތައް ނިންމާ، އަންނަ ހޯމަ ދުވަހު އާއްމުކޮށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2 ފިޔަވައްސަކަށެވެ. އޭގެތެރެއިން މިހާރު މަސައްކަތް ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގައެވެ. ސެގްމަންޓް 1 ގައި ހިމެނޭ 140 މީޓަރުގައި ތާރު އެޅުމުގެ ހުރިހާ މަސައްކަތެއް އިއްޔެ ވަނީ ނިންމާފައެވެ.

އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، މިއަދު ކުރިއަށްދާނީ މަގުގައި ޓްރެފިކް ނިޝާންތަކުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތަކާއި އަދި މަގުގައި ޓްރެވިކް ނިޝާން ކުރެހުމުގެ މަސައްކަތްތައްކަމަށެވެ.

"ތާރުގެ މަސައްކަތް އިއްޔެ މުޅިން ވަނީ ނިންމާފައި. ސައިން ބޯޑް އަދި ރޯޑް މަރކްސްގެ މަސައްކަތްތައް މާދަމާއަށް ނިންމާލެވޭނެ. ހުރިހާ ކަމެއް ނިންމާ، ހޯމަ ދުވަހު އާއްމުކޮށް މަގު ހުޅުވާލުން ޢަމާޒަކީ." ޝަރްވަސް ވިދާޅުވިއެވެ.

ދެން މަސައްކަތް ފަށާނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މި މަސައްކަތުގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދެވެ.

"މި ސެގްމަންޓް ހަމަ ނިމޭގޮތަށް، އަންނަ ހަފްތާގައި ފޭސް 2ގެ މަސައްކަތް ފަށާނަން. އެއްގަމު ތޮށިވެސް އާ ކުރެވިގެންދާނެ. އަދި ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ނެޓްވޯކްގެ މަސައްކަތްވެސް ދާނެ." ޝަރްވަސް ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގައި، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެއެވެ.

ފޭސް 1ގައި ހިމެނޭ، ލޯކަލް މާރުކޭޓުން ފަށައިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 5 ސެގްމަންޓަކީ ޖުމްލަ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަން ރުފިޔާއަށެވެ.

ސަރުކާރުން ވަނީ މާލެ ސަރަޙައްދުގައި މަގު ހެދުމުގެ ބޮޑު މަޝްރޫޢެއް، ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއުމަށްވެސް ނިންމާފައެވެ. އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީވަމުންނެވެ.