ހިޔާ ފްލެޓްގެ ކުލި ކުޑަކޮށް، ސަރުކާރުން ދިން ލުއިތަކުގެ ތަފްސީލް "މައި ހުޅުމާލެ ޕޯޓަލް"އިން މިހާރު ފެންނާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން،އެޗްޑީސީން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ވިދާޅުވީ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު "މައި ހުޅުމާލެ ޕޯޓަލް" އިން މިހާރު ފެންނާނެކަމަށެވެ. މިއީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދެއްވި ލުއިތައް ރަސްމީކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދަށްވާ ދެލައްކަ ރުފިޔާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށް ނިންމަވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 3984 ރުފިޔާއަށް ކުޑަކުރައްވާފައެވެ. މެއިންޓަނަންސް ފީގެ ގޮތުގައި ކުރިއެކޭ އެއްގޮތަށް ދައްކާ 1000 ރުފިޔާ ދައްކަން ޖެހޭނެއެވެ. ހިޔާގެ ކުލީގެ ގޮތުގައި ކުރިން ނަގަމުން އައިސްފައިވަނީ މެއިންޓަނަސް ފީ ހިމެނޭހެން 8500 ރުފިޔާއެވެ.
މިހާރު ހިޔާ ފްލެޓްތަކަށް ވެރިން ދައްކަމުން އަންނަނީ ކުޑަ ކުރި ކުއްޔެވެ. އަދި މީގެ ތަފްސީލްތައް ލިޔެކިޔުމުން މިހާރު ޕޯޓަލްގައި ފެންނަން ހުންނާނެއެވެ.
މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އެގޮތުން، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވައުދު ފުއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ހިމެނޭ މުހިންމު އެއް މަސައްކަތެކެވެ.
އެހެންކަމުން ހިޔާ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް މިހާރު ވަނީ މައި ހުޅުމާލެ ޕޯޓަލް ލިންކު ބޭނުންކޮށްގެން، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލާ، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވިފައެވެ.
މިކަމުގެ ސަބަބުން ފްލެޓުތަކުގެ ވެރިފަރާތުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.