ސަރުކާރު ސުކޫލްތަކުގެ ރަސްމީ ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމަށް، 2027އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލުތަކާއެކު، ޔުނިފޯމް ހޯދުމަށް ފަސޭހަ ވާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
2027 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލު ގެނައުމަށް ނިންމާފައިވާއިރު އެ ބަދަލުތައް ގެންނަން ނިންމާފައިވަނީ ސްކޫލްތަކުގެ އިސްވެރިންނާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުގައި ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ޔުނީފޯމުގެ ގަމީހުގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެ ވުޒާރާގެ ކުލައާއި ގައުމީ ދިދައިގެ ކުލަތަކަށް ނިސްބަތްވާ ގޮތަށްކަމަށެވެ. އަދި ފަޓުލޫނު ގަދަ ކުލައެއްގައި ބެހެއްޓުމަށް ކަމަށެވެ. މި ބަދަލާއެކު ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއެކު ބޭނުން ކުރާނީ އެއްވެސް ޑިޒައިނެތް ނެތް ކަޅު ކުލައިގެ ޓްރެކްސޫޓް ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.
ތަޢުލީމީ ވުޒާރާއިން މިހާރު ވަނީ ޔުނިފޯމަށް ގެންނަ ބަދަލާ ގުޅޭ އުސޫލެއް އެކުލަވާލާ ސްކޫލްތަކަށް ފޮނުވާފައެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާނީ 2027ގެ ދިރާސީ އަހަރުން ފެށިގެން ކަމަށާއި ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލަކުން ވެސް އެ އުސޫލާ އެއްގޮތަށް ޔުނިފޯމު ބަދަލުކޮށް ނިންމުމަށް ތަޢުލީމީ ވުޒާރާއިން ވަނީ އަންގާފައެވެ.
އެ އުސޫލުގައި ބުނެފައިވަނީ ސްކޫލްތަކުގައި ބޭނުންކުރާ ރަސްމީ ޔުނީފޯމުތަކުގެ މަތި(ގަމީސްޓޮޕް/ގަމީސް) ހުންނަންވާނީ ހުދު، 'ސްކައި ބްލޫ'، 'ޓީ ގްރީން'ގެ އިތުރުން 'ލައިޓް ރެޑް' ކުލައިގައި ކަމަށެވެ. އަދި ރަސްމީ ޔުނީފޯމުގެ ތިރި (ފަޓްލޫން/ސްކާޓް/ސޯޓު) ހުންނަންވަނީ ކަޅު ނުވަތަ ނޭވީ ބްލޫގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައި ކަމަށް އުސޫލުގައިވެއެވެ. ސްކޫލްތަކުގައި ރަސްމީ ޔުނީފޯމާއެކު ބޭނުންކުރާ ބުރުގާ ހުންނަން ވާނީ ނޭވީ ބްލޫ ނުވަތަ ރޯޔަލް ގްރީން ނުވަތަ ޑާކް ރެޑް ނުވަތަ ހުދު ކުލައިގައެވެ.
ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން 2027ން ފެށިގެން ބޭނުންކުރަންޖެހޭ އެކްޓްވިޓީ ޔުނީފޯމުތަކުގެ މަތި(ޓީޝާޓް) ހުންނަންވާނީ ނޫ ނުވަތަ ފެހި، ރަތް އަދި ސްކޫލްގެ ކުލަ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައެވެ. އަދި އެކްޓިވިޓީ ޔުނީފޯމުގެ ތިރި (ސޯޓު/ޓްރެކްސޫޓް/ސްކާޓް) ހުންނަންވާނީ ކަޅު ކުލައިގައެވެ.
އެކްޓިވިޓީ ޔުނީފޯމާއެކު ތިރިއެއް ލާ ނަމަ ބޭނުންކުރާނީ ކަޅު ކުލައިގެ، ތިން އިންޗީގެ ފުޅާ މިނުގައި އާދައިގެ ރޫ ނަގާފައި ހުންނަ ސްކާޓެކެވެ. ކަކުލާ ހަމައަށް ހުންނަން ޖެހޭ އެ ސްކާޓުގައި އެއްވެސް ލޯގޯއެއް އެއްޗެއް ބޭނުމެއް ނުކުރެވޭނެ ކަމަށާއި ކީ ސްޓޭޖް އެކެއްގެ ދަރިވަރުން ފިޔަވާ ހުރިހާ އަންހެން ކުދިން ސްކާޓް ލާނަމަ ހަރުވާޅު ނުވަތަ ޓްރެކްސޫޓެއް ލާން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
ކީ ސްޓޭޖް 1 އަދި 2ގެ ދަރިވަރުން ގަމީސް ހުންނަންވާނީ ދަށަށް ޖަހާފައެވެ. ބެޖު ހުންނަންޖެހޭނީ ޖީބުގައި ހަރުކޮށްފައެވެ. މި ދަރިވަރުން ޓައީ އަޅާކަށް ނުޖެހޭނެއެވެ. އަދި ކީ ސްޓޭޖް 3 އަދި 4ގެ ދަރިވަރުން ޔުނީފޯމާއެކު ޓައީ އަޅާނީ ސްކޫލުން ބޭނުންވާ ނަމައެވެ. އެހެން ނަމަވެސް ކީ ސްޓޭޖް ފަހެއްގެ ދަރިވަރުންނަށް ޓައީ އަކީ ޔުނީފޯމުގެ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ޓައި ބޭނުން ކުރެވޭނީ ސްކޫލު ކުލައިގެ އިތުރުން ނޫ، ފެހި، ރަތް ކުލައިގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައެވެ. އަދި ޓައީގައިވެސް ބެޖު ހަރުކޮށްފައި ހުންނަންޖެހެއެވެ. ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް 1ގެ ފިރިހެން ދަރިވަރުން ކަކުލުން ތިރިއަށް ހުންނަ ކަޅު ސޯޓު ލާއިރު، އަންހެން ދަރިވަރުންނަށް ބޭނުންކުރެވޭނީ ސްކާޓް ނުވަތަ ފަޓުލޫނެވެ. އަދި ސްކާޓާ އެއްކޮށް ހަރުވާޅުވެސް ބޭނުން ކުރެވޭނެކަމަށް އުސޫލުގައި ބުނެފައިވެއެވެ.
ފައުންޑޭޝަން ނުވަތަ ކީ ސްޓޭޖު އެކެއްގެ ދަރިވަރުން ފިޔަވާ އެހެން ސްޓޭޖުތަކުގެ އަންހެން ދަރިވަރުން ގަމީހުގެ ދިގުމިން ހުންނަން ޖެހޭ މިންވަރުވެސް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
ޔުނީފޯމާއެކު ސްކާޓް ލާ ދަރިވަރުން ހަރުވާޅުލާން ޖެހޭނެއެވެ. ސްކާޓް ހުންނަން ޖެހޭނީ ކަކުލުން ތިރިއަށް ދެ އިންޗި ހުންނަ ވަރަށެވެ. ކުރިމަތިންނާއި ފުރަގަހުން ކޮންމެ ފަރާތެއްގައި ދެ ރޫ ނަގާފައި ހުންނަން ޖެހެއެވެ. އަދި އަރިމަތީގެ ކޮންމެ ރުލެއްގެ ފުޅާމިނުގައި ދެ އިންޗި ހުންނަން ޖެހެއެވެ. އަދި މެދުގައި ހުންނަން ޖެހެނީ ބޮކްސް ޕްލީޓް ނުވަތަ ރޫނަގައިފައެވެ. އަދި ފަޓުލޫނު ލާ ދަރިވަރުންނަށް ބެގީ ކުރުން މަނާވާނެއެވެ.
އުސޫލު ބުނާގޮތުން ދަރިވަރުން ޕްރިފެކްޓަކަށް ބަދަލުވުމުން ޔުނީފޯމަށް އެއްވެސް ބަދަލެއް ގެންނާކަށް ނުޖެއެވެ. އަދި ހުރިހާ ދަރިވަރުންވެސް ބޭނުންކުރަން ޖެހެނީ އެއްވެސް ޑިޒައިނެއް ނުހުންނަ ކަޅު ބެލްޓާއި، ކަޅު އިސްޓާކީނެވެ. އަދި ބޭނުންކުރަންޖެހޭނީ ކަޅު ބޫޓެވެ. އެހެން ނަމަވެސް އެކްޓިވިޓީ ޔުނީފޯމާއެކު ސްޕޯޓްސް ބޫޓެއް ބޭނުންކުރެވިދާނެއެވެ.
މި އުޞޫލުގެ ދަށުން ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ރަސްމީ ޔުނިފޯމަކަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް އެ ސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ހުންނަން ޖެހޭނީ އެ މި އުޞޫލާ އެއްގޮތަށެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ޔުނީފޯމަކީ ދަރިވަރުން އުނގެނުމުގެ މާހައުލުގައި ފަސޭހަކަމާއެކު ހެލިފެލިވެ އުޅެވޭނެ، ގަޔަށް ފަސޭހަ އެއްޗަކަށް ވާންޖެހޭނެކަމަށެވެ. އަދި މި ބަދަލާއެކު ބެލެނިވެރިންނަށް ފަސޭހަކަމާއެކު ޔުނިފޯމު ލިބޭނެ މަގު ފަހިވާނެ ކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.