ދެކުނު އެފްރިކާގައި އޮތް ބެޑްމިންޓަންގެ ތިން މުބާރާތަކުން 7 މެޑަލް ރާއްޖެއަށް ލިބުމަކީ ކުޅުންތެރިންގެ ފެންވަރު ދަމަހައްޓާކަން ޔަގީންވާ ކަމެއް ކަމަށާއި، ރާއްޖޭގެ ބެޑްމިންޓަނަށް އޮތް އުއްމީދު އާވެފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ދެކުނު އެފްރިކާގެ ބޭއްވި ތިން މުބާރާތުން ރާއްޖެއަށް މެޑަލްތައް ގެނެސްދިނީ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ރިވައިވަލް ސްޕޯޓްސްގެ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި، އައިމިނަތު ނަބީހާ އަބްދުއްރައްޒާޤާއި، ފާތިމަތު ނަބާހާ ރައްޒާޤެވެ. އެގޮތުން ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ ޑަބަލްސް އިވެންޓުން ނަބާ އާއި ޒަޔާންގެ ޕެއަރ ވަނީ ރަން މެޑަލް ހޯދާފައެވެ. އެމުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާ އާއި ނަބީގެ ޕެއަރވަނީ ރިހި މެޑަލް ހޯދާފައެވެ.
ދެކުނު އެފްރިކާގެ ކޭޕްޓައުންގައި އޮތް އަކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަރނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެނުންގެ އޯޕަން ސިންގަލްސްގައި ވާދަކޮށް ނަބާހާ (ނަބާ) ވަނީ ރިހި މެޑެލް ހޯދާފައެވެ. އަދި މިކްސްޑް ޑަބަލްސްގައި ވާދަކޮށް ޒަޔާން އާއި ނަބާގެ ޕެއަރއިން ވަނީ ލޯ މެޑަލް ހޯދާފައެވެ.
އަދި ބޮޓްސްވާނާ އިންޓަރނޭޝަނަލް މުބާރާތުގެ އަންހެން ޑަބަލްސް ބައިން ނަބާ އާއި ނަބީގެ ޕެއަރއިން ރިހި މެޑަލް ހޯދިއިރު މިކްސްޑް ޑަބަލްސް އިވެންޓުން ޒަޔާން އާއި ނަބާގެ ޕެއަރއިން ވަނީ ލޯ މެޑަލް ހޯދާފައެވެ.
މި ކާމިޔާބީތަކަށް އިޝާރާތް ކުރައްވައި ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ރިވައިވަލް ސްޕޯޓްސްއިން މިދިޔަ އަހަރު ބައިވެރިވީ މީގެ ދެ މުބާރާތެއްގައި ކަމަށާއި، އެހެންނަމަވެސް މި އަހަރު ތިން މުބާރާތުގައި ވާދަކޮށް އެއް މުބާރާތުން ރަން މެޑަލް ގެނައުމަކީ ކުޅުންތެރިންގެ ސްޓޭންޑަޑް ދެމެހެއްޓިކަން ސާބިތުވެގެން ދިޔަކަމެއް ކަމަށެވެ.
"އެއް ސީރީޒުން ރަން މެޑަލް ލިބިގެން މިދިޔައީ. އެހެންވީމާ މީ އަޅުގަނޑު ދަންނަވާނީ ކޮންސިސްޓެންޓީ ޕްރޫވްވެގެން ދިޔަކަމެކޭ އެ ކުޅުންތެރިންގެ ސްޓޭންޑަޑް ދެމެހެއްޓިކަން ޔަގީންވެގެން އަޅުގަނޑުމެންނަށް މި ދިޔައީ. މިއީ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޝަނުގައި އޮތް އިރު އެކުދިންގެ ރޭންކިންއަށް ކުރި އަސަރު (ރޭންކިން ވަރަށް ބޮޑަށް ދަށްވެފައި ހުންނާނީ) އެހެންވީމަ އެ ދަށްވުން އިތުރަށް މައްޗަށް ޖައްސާލަން ލިބުނު އޮޕަޗުނިޓީއެކޭ އަޅުގަނޑު ދަންނަވާނީ" ވަޒީރު ވިދާޅުވިއެވެ.
މިއީ ގައުމީ ޓީމުގެ އެތުލީޓުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދެކުނު އެފްރިކާ މުބާރާތްތަކުން އެ ހޯދި ކާމިޔާބީއަކީ ދެން ގައުމީ ޓީމު ބައިވެރިވާ މުބާރާތްތަކުގައި ކާމިޔާބު ހޯދުމަށްޓަކަށް އެ ކުދިންގެ ފޯމް ކަށަވަރުވެގެންދާ ކަމެއް ކަމަށެވެ. އަދި ސަސްޕެންޝަނުގައި އޮތް އިރުވެސް ބެޑްމިންޓަން ކުޅުންތެރިން ދިޔައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށާއި، މިއީ އެކަމުގެ ނަތީޖާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ކުރިޔަށް އޮތް ތަނުގައި ބެޑްމިންޓަންގެ ކަންކަން ކުރިއަށްވުރެ ރޭވުންތެރިކަމާއެކު ކުރިޔަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެތުލީޓުންގެ މުސާރަ ބޮޑުކުރުމާއި އިންޝުއަރެންސްގެ ސަބަބުން ކުޅުންތެރިންނަށް މަގާމު ދަމަހައްޓައިގެން ގައުމީ ޓީމުގައި ތިބެގެން އިތުރު ކާމިޔާބީ ހޯދަން މިއީ ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.