ޚަބަރު

"ކުއްޖާގެ އުމުރުން 2 އަހަރު ވުމަށްފަހުވެސް ހެދިބޮޑުވުމުގެ ކަންކަން ބެލުމަށް ސަމާލުކަން ދޭންޖެހޭ"


  • ޑިވެލޮޕްމެންޓަލް މައިލްސްޓޯން ބަލަހައްޓަން ފެށުމުން ހެދިބޮޑުވުން ބަލަހައްޓަން ކުރާ މަސައްކަތް ހަރުދަނާވާނެ

  • 2027ވަނަ އަހަރުން ފެށިގެން ތައުލީމީ މަރުހަލާ ފަށާ ކުދިންގެ ޑިވެލޮޕްމެންޓަލް މައިލްސްޓޯން ފޯމު ބަލާނެ

ކުއްޖާގެ އުމުރުން ދެ އަހަރުވުމުން ހެދިބޮޑުވުމުގެ ކަންކަން ބަލާ މިންވަރު ދަށް ކަމަށާއި، މިހާރު ހޯދާފައިވާ ކާމިޔާބީ ދެމެހެއްޓުމަށް މިކަން އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް ޞިއްޙީ ވަޒީރު އަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޅަކުދިން ހެދިބޮޑުވުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް "ޑިވެލޮޕްމެންޓަލް މައިލްސްޓޯން ޓްރެކިންގ ފޯމް" އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޑަކުދިން ހެދިބޮޑުވުމުގައި ދިމާވާ ގޮންޖެހުންތަކާއި ހެދިބޮޑުވުމުގައި ހުރި ލަސްތައް ދުރާލާ ދެނެގަތުމަށާއި، އެކަމަށް އަވަހަށް ފަރުވާ ހޯދުމަށް މަގުފަހިކުރުމަށް ޞިއްޙީ ވުޒާރާއިން ވަނީ "ޑިވެލޮޕްމެންޓަލް މައިލްސްޓޯން ޓްރެކިންގ ފޯމް" އެއް ތަޢާރަފްކޮށްފައެވެ. މިއީ ކުދިން ހެދިބޮޑުވުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ޞިއްޙީ ވުޒާރާއިން ކުރިއަށް ގެންދާ ގްރޮވްތު މޮނީޓަރިން ޕްރޮގްރާމުގެ މަސައްކަތުގެ ތެރެއިން އެކަން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މިއީ ޞިއްޙީ ވުޒާރާއިން ތަޢުލީމީ ވުޒާރާ އާއި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ކަމާބެހޭ ފަންނީ ފަރާތްތަކުގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ފޯމެކެވެ.

މިފޯމް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޯމް އިފްތިތާހްކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މިރަސްމިއްޔާތުގައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްވަނީ މިމަސައްކަތުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ މިމަސައްކަތަކީ މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. ގްރޮވްތު މޮނީޓަރިން ޕްރޮގްރާމް މިއަހަރުގެ ތެރޭގައި ޑިޖިޓަލައިޒް ކުރެވިފައިވާކަން ވަޒީރުގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ.

" ފަސް އަހަރުން ދަށުގެ ކުދިން ހެދިބޮޑުވާ މިންވަރު، ކުއްޖާގެ ހިއްސުތައް ތަރައްޤީވާ މިންވަރު ބަލާ ގްރޮވްތު މޮނީޓަރިން ޕްރޮގްރާމު މިއަހަރު ޑިޖިޓަލައިޒްކޮށް ބެލެނިވެރިންނަށް ފޯނުން ބެލޭ ގޮތް ވަނީ ހެދިފައި. ނަމަވެސް ކުއްޖާ ދެ އަހަރު ވުމާއެކު ކުދިން ހެދިބޮޑުވަމުންދާ މިންވަރު ބެލުމަށް ޞިއްޙީ މަރުކަޒުތަކަށް ގެންނަ މިންވަރު ދަށްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މިކަމުގައި އިތުރު މަސައްކަތްކޮށް މިއަދު މި ހޯދިފައި އޮތް ކާމިޔާބީ އިތުރު ހަރުފަތަކަށް ގެންދަން މަސައްކަތް ކުރަންޖެހޭ. " ވަޒީރު ނާޡިމް ވިދާޅުވިއެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މި ފޯމު ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ބަލަހައްޓަމުން ގެންދާނެ ކަމަށެވެ. އަދި މިކަމަށް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ. އަދި ފޯމު ބޭނުންކުރަން ފެށުމުން ހެދިބޮޑުވުމުގައި ދިމާވާ ގޮންޖެހުންތަކަށް ދުރާލާ ފަރުވާ ދެވި ކުއްޖާއަށް ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަތުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިއާއެކު، 2027 ވަނަ އަހަރުން ފެށިގެން ތަޢުލީމީ މަރުހަލާ އަލަށް ފަށާ ކުދިން، އެމަރުހަލާ ފެށުމުގެ ކުރިިން ފޯމު ފުރިހަމަވެފައިވޭތޯ ބަލާނެއެވެ. މިކަމުގެ ސަބަބުން އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުދިން ބެލެހެއްޓުމުގައި ފަސޭހަވާނެ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ފަރުވާ ހޯދުމަށް ބެލެނިވެރިންވެސް ހޭލުންތެރިވާނެ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.