ޚަބަރު

ޤަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށް، ޕާކުކޮށްފައި ހުންނަ އުޅަނދުތައް މިމަހު ޓޯކުރަން ފަށަނީ


  • އުޅަނދުތައް ޓޯކުރަން ފަށާނީ މިމަހު 6ގައި

  • ރަޖިސްޓްރީނުކޮށް ހުންނަ އުޅަނދުތައްވެސް ނަގާނެ

މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށް، ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް މިމަހުގެ 6 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭގެ ހުސްބިންތަކުގައާއި ޢާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިމަހުގެ 6 ވަނަ ދުވަހު ފަށާނެ ކަމަށެވެ. އެހެންކަމުން މިމަހުގެ 5 ވަނަ ދުވަހުގެ ރޭގަނޑު 11:30ގެ ކުރިން މިފަދަ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ ޑިސެމްބަރު 6 ވަނަ ދުވަހުން ފެށިގެން އުޅަނދުތައް ޓޯކޮށް ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިގޮތަށް ގެންދާ އުޅަނދު ބަހައްޓާފައި ހުންނަ ތަނުގައި ހުއްޓައި، ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ޓޯކުރެވޭ އުޅަނދުތައް ޓޯކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުންކަމަށްވެސް ފުލުހުން ވިފާޅުވިއެވެ.

ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދާއި ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްގެން އަދި ރަޖިސްޓްރީނުކޮށް މާލެ ސަރަޙައްދުގައި ބަހައްޓާފައި ހުންނަ އުޅަނދު ޓޯކުރުމަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ގަވާއިދަށް ރަޖިސްޓްރީކުރަން ބާރުއެޅުމުގެ ގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ފުލުހުންނާ ގުޅިގެން ކުރައްވަމުން އަންނަ ޚާއްސަ މަސައްކަތެކެވެ.

މި މަސައްކަތުގެ ދަށުން އެކި ފަހަރު މަތިން އުޅަނދުތައް ޓޯކޮށްފައިވެއެވެ. މިގޮތަށް ހުންނަ އުޅަނދު ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ވެސް، އެކި ފަހަރު މަތިން ސަރުކާރުން ވަނީ ދެއްވާފައެވެ.