ސާފު ތާހިރު ނޫންގޮތެއްގައި ކުރުނބާ ފަނި ތައްޔާރުކޮށް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރި ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި އިމިގްރޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅޭ ތަނެއް ބަލައި ފާސްކޮށް، ބަންގްލަދޭޝް 2 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ތަން ބަލައި ފާސްކުރިއިރު، ގިނަ އަދަދެއްގެ ކުރުނބާއާއި ހުސްފުޅިތަކެއް ފެނިފައިވާ ކަމަށެވެ. އަދި މި ތަނަކީ، ވިއްކުމަށް ކުރުނބާ ހަދައި އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ވަނީ، ޚާއްސަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން ޤާނޫނީ އިމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ކުރައްވަމުންނެވެ. މީގެއިތުރުން ޖިނާޢީ ބޮޑެތި ކުށް ކުށަށް އަރައިގަންނަ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.