އަންނަ އަހަރު ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖޭން ފަރިތަކުރުންތައް ފަށައިފިއެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ފުރަތަމަ ފަހަރަށް ހަމަޖެއްސި ބޭރު ކޯޗު އުޒްބެކިސްތާނުގެ ފާރޫކް ގައުމީ ފުޓްސަލް ޓީމާ ހަވާލުވާނީ 03 ޑިސެމްބަރުން ފެށިގެން ކަމަށާއި އެއަށްފަހު ސްކޮޑް 25 ން ދިހަ ކުޅުންތެރިންނަށް މަދު ކުރާނެ ކަމަށް އެފްއޭއެމުން ބުނެފިއެވެ.
ގައުމީ ފުޓްސަލް ޓީމު ތައްޔާރުވަމުން އަންނަނީ އަންނަ ޖެނުއަރީގައި ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށެވެ. މި މުބާރާތަށް ރާއްޖޭގެ ޓީމު އެކުލަވާލުމަށް ރޭ ވަނީ 40 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ފަށާފައެވެ. ފަރިތަކުރުންތަކުގައި ބައިވެރިވި ކުޅުންތެރިންނަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވަނީ ބައްދަލުކުރައްވާ ބައެއް އިރުޝާދުތައް ދެއްވާފައެވެ.
އަދި މީގެ ކުރިން ގައުމީ ޓީމަށް އިރުޝާދު ދީ މިއަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ޓީމުގެ ހެޑް ކޯޗުގެ ދައުރު އަދާކުރި ކާމިޔާބު ފުޓްސަލް ކޯޗު އަހުމަދު ނިޔާޒް އަދި ތަޖުރިބާކާރު ކޯޗު އަހުމަދު އަހުސަންވެސް ފަރިތަކުރުންތަކުގައި ބައިވެރިވެފައިވެއެވެ.
ޖެނުއަރީ 14-26 އަށް ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ނިކުންނާނީ 14 ޖެނުއަރީގައި ޕާކިސްތާނާއި ދެކޮޅަށެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން އާންމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ 16 ޖެނުއަރީގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މި މެޗަށްފަހު ދެން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ 20 ޖެނުއަރީގައި އިންޑިއާ އާއި ދެކޮޅަށެވެ.
އަދި 22 ގައި ނޭޕާލްއާއި ދެކޮޅަށް ކުޅެން ޖެހޭއިރު 24ގައި ރާއްޖެ ނިކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ. ފަހު މެޗުގައި ނިކުންނާނީ 26 ޖެނުއަރީގައި އަވައްޓެރި ސްރީލަންކާ އާއި ދެކޮޅަށެވެ. ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ނޮންތަބުރި ސްޓޭޑިއަމްގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.
މި މުބާރާތަށް ރާއްޖެއަށް ގެންނަ އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު ފާރޫކް ޒަކިރޯވް އަކީއުޒްބެކިސްތާނުގެ ގައުމީ ފުޓްސަލް ޓީމަށް 2001 އިން 2008 އަށް ކުޅެފައިވާ މޮޅު ކުޅުންތެރިއެކެވެ. އެނާގެ ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ޖެނުއަރީގެ ނިޔަލަށެވެ.
އޭނާ މި ވަގުތު ހުރީ އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗުގެ މަގާމުގައެވެ. މި އަހަރު ޗައިނާގައި އޮތް އޭޝިއަން ވިމެންސް ފުޓްސަލް ކަޕަށް އުޒްބެކިސްތާނު ކޮލިފައިކޮށްދީ އެ މުބާރާތުގައި އެ ޓީމަށް އިރުޝާދުދިނީވެސް ފާރޫކެވެ. އޭގެ އިތުރުން އެ ގައުމުގެ ފުޓްސަލް ލީގުގައި ވާދަކުރާ ޓީމެއް ކަމަށްވާ ނެފްޗީ ފުޓްސަލް ކުލަބުގެ ކޯޗަކީވެސް ފާރޫކެވެ. އެފްއޭއެމްއިން ބުނީ ރާއްޖޭގެ ގައުމީ ޓީމާ ފާރޫކް ހަވާލުވާނީ ނެފްޗީ އާއި އެ ގައުމުގެ ފުޓްބޯލް އެސޯސިއޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހު މިޔަންމާގައި އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައެވެ. އެ މުބާރާތުގައި ރާއްޖެއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެ މުބާރާތުގައި ރާއްޖޭގެ ފުޓްސަލް ޓީމަށް އިރުޝާދު ދީފައިވަނީ އަޙްމަދު ނިޔާޒެވެ.
ސާފްއިން މި ސަރަހައްދުގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ތައިލެންޑުގައި ކުރިއަށްދާއިރު، އަންހެން މުބާރާތުގައި ރާއްޖޭގެ ޓީމު ވާދަކުރާނެއެވެ. އެފްއޭއެމްއިން ބުނީ ގައުމީ އަންހެން ފުޓްސަލް ޓީމުވެސް މުބާރާތަށް ތައްޔާރުކުރުމުގައި ދިވެހި ކޯޗުންނަށް ފާރޫކް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.