ޚަބަރު

އެފްއޭއެމް ވިމެންސް ލީގު 2025: ވިކްޓަރީއަށް ވަރުގަދަ ފެށުމެއް


އެފްއޭއެމް ވިމެންސް ލީގު 2025 ފުރަތަމަ މެޗު ބޮޑު މޮޅަކާއެކު ކާމިޔާބުކޮށް، ވިކްޓަރީ ސްޕޯޓްސް ކުލަބުން ވަރުގަދަ ފެށުމަކުން ފަށައިފިއެވެ. ބރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެވި މެޗު ވިކްޓަރީން ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 6-0 ލަނޑުންނެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މުޅި މެޗު ވިކްޓަރީން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، ޓީސީގެ ޒުވާން ކުޅުންތެރިންނަށް ވަނީ މާ އެދެވޭ ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ.

ވިކްޓަރީ ޓީމުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ތަޖުރިބާކާރު ބައެއް ކުޅުންތެރިން ހިމެނުނުއިރު، އެ ޓީމު އުޒްބަކިސްތާންގެ ދެ ކުޅުންތެރިން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ވިކްޓަރީން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ 9 ވަނަ މިނިޓުގައި އެ ޓީމުގެ ފޯވާޑް ރުސްތަލޭވް ލޭލާ ރަމްޝޮވާނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ބިދޭސީ ކުޅުންތެރިޔާ ސަފީނާ ރުޝާނިއާ ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 23 ވަނަ މިނިޓުގައި ސަފިނާ ދިން ބޯޅައަކުން ވިކްޓަރީއަށް ލީޑު ފުޅާކޮށްދިނީ ފާތުމަތު ސާއިނާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 34 ވަނަ މިނިޓުގައި ލޭލާ އެކަނި ހިފައިގެން ދިޔަ ބޯޅައެއް އޭރިއާ ތެރެއަށް ވަދެ ގޯލަށް ވައްދާލައިގެން ވަނީ ވިކްޓަރީއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ލޭލާ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 62 ވަނަ މިނިޓުގައެވެ. އޭގެ ދެ މިނިޓް ފަހުން ވިކްޓަރީގެ ފަސްވަނަ ލަނޑު ސަފީނާ ކާމިޔާބުކުރިއިރު، މެޗުގެ އިތުރު ވަގުތުގައި ވިކްޓަރީއަށް ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދި ލޭލާއެވެ.

މި އަހަރު ވިމެންސް ލީގުގައި ވަނީ ހަ ޓީމެށް ބައިވެރިވެފައެވެ. މީގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ގަދަ ބާރުތައްވެސް ހިމެނެއެވެ. މިއީ އަހަރުތަކަކަށް ފަހު ރަސްމީ ފުޓްބޯޅައިގެ ހަރަކާތްތަކެއް އަންހެނުނަށް ހާއްސަކޮށްގެން އެފްއޭއެމްއިން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.