ޚަބަރު

ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވަން ފަށައިފި


  • މާލޭގެ އިތުރުން 5 އަތޮޅުގައި ބައިވެރިން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެ

  • މި ބުރަށްވެސް 350 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވޭ

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްއަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ ޤައުމީ މުހިންމު މަސައްކަތެކެވެ.

މި ޕްރޮގްރާމްގެ ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މި މަރުޙަލާ ފަށާފައިވަނީ ށ. ފުނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ލ. ގަން، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީގައެވެ. ދިފާޢީ ވުޒާރާއިން ވިދާޅުވީ މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައްވެސް ފުރިހަމަކުރާނެކަމަށެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ވެސް 350 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު 350 ބައިވެރިން މިހާރު ދަނީ ޅ. މާފިލާފުށީގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ތެރެއިން ފަށާފައިވާ "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" އަކީ 3 މަސްދުވަހުގެ ތަމްރީނެކެވެ. މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަޢުލީމް، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީން ހިމެނޭއިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ކުރިއަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތަކާއި އަސްކަރީ ޙަރަކާތް ތަޢާރަފް ކޮށްދިނުންވެސް މިތަމްރީނުގައި ހިމަނާފައިވެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް ގުޅިގެން ހިންގާ ހަރަކާތެކެވެ. މިޚިދުމަތަކީ، ކުރިމަގުގައި އިތުރަށް ފުޅާކުރެވޭނެ ޙަރަކާތަކަށް ވާއިރު، ނެޝަނަލް ސަރވިސްއަށް ޚާއްޞަ ޤާނޫނެއް ވަރަށް އަވަހަށް ތަޢާރަފް ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މިހާރު ރާވާފައިވާގޮތުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދިވެހި ވަޠަނީ ޚިދުމަތުގެ ގުނަވަނެއްގެ ގޮތުގައި ފަންނީ ތަމްރީން އިފްތިތާޙްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން، އެފަރާތްތަކުގެ ޝައުޤާއި، ކޯސްތަކުގެ ޖާގަ ހުރި މިންވަރަށް ބިނާކޮށް، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތަކުން އެބައިވެރިންނަށް ފުރުޞަތު ފަހިކޮށް ދިނުމަށް ވަނީ ނިންމާފައެވެ.