ސްރީލަންކާއަށް ދިމާވެފައިވާ ކާރިސާގައި އެޤައުމަށް އެހީވުމަށް ރާއްޖޭން ކުރިއަށްގެންދާ މަސައްކަތުގައި ދިވެހީންގެ ހިތްވަރުފެނި ފެންކަޅިވި ކަމަށާއި ރާއްޖޭން ފޯރުކޮށްދޭ އެހީ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމަށް ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވެއްޖެއެވެ.
"ސިލޯނާއެކު ދިވެހީން" ޓެލެތޯންގައި ވާހަކަފުޅުދައްކަވަމުން ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވަނީ ލަންކާއަށް އެހީވުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މުޅި ޤައުމު ގުޅިގެން އަވަށްޓެރި ޤައުމަކަށް އެހީވުމަށް މަސައްކަތް ކުރުމަކީ ދެ ޤައުމުގެ ގާތް ގުޅުން ހާމަވެގެންދާ ކަމެއް ކަމަށާއި މިއީ ދެ ޤައުމުގެ ތާރީޚުގައި ލިޔެވިގެންދާނެ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.
ޓެލެތޯނަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވީ ކުރިން ޓެލެތޯނަކީ ކޮބައިކަންވެސް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ޓެލެތޯން ފެށިގެން ލިބެމުންދާ އެހީ ފެނި ފެންކަޅިވި ކަމަށްވެސް ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ މިފަދަ ހަރަކާތެއްގައި ލިބޭ އެއްޗަކަށްވުރެ ބޮޑަށް މި ދަތި ދަނޑިވަޅުގައި ދިވެހީން ލަންކާގެ ރައްޔިތުންނާއެކު ތިބިކަން ސާބިތުކޮށްދިނުމަކީ އެންމެ މުހިންމުކަން ކަމަށެވެ. އަދި ރާއްޖެފަދަ ކުޑަ އާބާދީއެއް އޮތް ޤައުމަކުން ފޯރުކޮށްދޭ އެހީތެރިކަމަކީ ކުޑަ އެއްޗެއް ކަމުގައި ހީވިނަމަވެސް އެއީ ހަގީގަތުގައި ލަންކާގެ ރައްޔިތުންނަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ދިވެހީން ފޯރުކޮށްދޭ އެހީ ހެޔޮ ގޮތުގައި ހޭދަކުރެވޭނެކަމުގެ ޔަގީންކަން ދެއްވަމުން ސަފީރު ވިދާޅުވީ ޓެލެތޯނުން ހަދިޔާ ކުރާ ފައިސާ ހޭދަކުރެވޭނީ ޤައުމު އާރާސްތުކުރުމަށް ކަމަށެވެ. އެގޮތުން، މަގު ހެދުމާއި އިމާރާތްތައް ހެދުމާއި ދަނޑުބިންތައް އަލުން އާރާސްތުކުރަން މި ފައިސާ އެހީއަކަށްވެގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
ޤައުމުތަކުގެ ގުޅުން ހާމަވެގެންދާނީ މިފަދަ ހިތާމަވެރި ވަގުތުތަކުގައިކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ ލަންކާއަށް އެހީވުމަށް ދިވެހީން ދައްކަމުންދާ ހިތްވަރުން، ކުރިއަށް އޮތްތަނުގައިވެސް އެ ޤައުމަށް ދިމާވާ މިފަދަ ހިތާމަވެރި ހާލަތްތަކުގައި ދިވެހީން އެ ޤައުމުގެ ރައްޔިތުންނާއެކު ތިބޭނެ ކަމުގެ ޔަގީންކަން ލިބިގެންދާ ކަމަށެވެ. އަދި މިވާހަކަތައް ލަންކާގެ ޖީލުތަކަށް ކިޔައިދެވި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވިއެވެ.
ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއަތަކާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނަށްފަހުވެސް ލަންކާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ހުންނަ ލަންކާގެ ހައި ކޮމިޝަން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.