ޚަބަރު

ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހުށައެޅުމުގެ ފަހު ފުރުޞަތު އާދިއްތަ ދުވަހުގެ ނިޔަލަށް


  • މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގައި ބައްދަލުވުން ވަނީ ބާއްވާފައި

  • އަދިވެސް އޮންލައިންކޮށް ޚިޔާލު ހުށައެޅޭނެ

ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނަށް އާއްމުންގެ ޚިޔާލު ހުށައެޅުމަށް ހުޅުވަލާފައިވާ ފުރުޞަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހަމާވާނެއެވެ.

މި ޕްލޭން އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ، މިނިވަން ކޮންސަލްޓަންސީ ފާމަކާ ހަވާލުކޮށްގެންނެވެ.

ތަރައްޤީގެ ޕްލޭނަށް އާއްމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ޕްލޭނަކީ 2040ވަނަ އަހަރަށް ދާއިރު ދިވެހިރާއްޖެއަކީ، ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ވާސިލުވުމަށް، އެކަމަށް މަސައްކަތްކުރުމަށް އެކުލަވާލަން ނިންމާފަވާ އިސްތިރާޖީ ޕްލޭނެކެވެ.

މި މަސައްކަތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގައި ބައްދަލުވުން ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގައި ބައްދަލުވުންތައް ބާއްވާ ވަނީ ނިންމާފައެވެ. އަދި 62 މަޢުލޫއަލަށް، ކަމުގެ ތަޖުރިބާކާރުން ހިމެނޭހެން ކުރިއަށްގެންދިޔަ 20 ބައްދަލުވުންވެސް މިހާރު ވަނީ ނިންމާފައެވެ. މި ބައްދަލުވުންތަކުގައި އެކި ދާއިރާތަކން 500އަށްވުރެ ގިނަ ތަޖުރިބަކާރުން އެކި ދާއިރާތަކުން ބައިވެރިވެފަވެއެވެ.

މި މަސައްކަތުގެ ކޮންސަލްޓަންސީ ފަރމް، ނެކްސިއާ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް މެނޭޖަރ އާބްދުﷲ ވަޙީދު ވިދާޅުވީ، މި ބައްދަލުވުންތަކުގައި 9000އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެ، ޕްލޭނަށް ޚިޔާލު ހުށައަޅާފަވާކަމަށެވެ.

"ވަރަށް ގިނަ ތަފާތު ބިނާކުރަނިވި ޚިޔާލުތަކެއް ލިބިއްޖެ. މިހާރު ކުރަމުންދަނީ މަޢުލޫމާތުތައް އެނަލައިޒްކުރުމުގެ މަސައްކަތް. އެއަށްފަހު އަންނަ މަހު އެބަ ބާއްވަން މަހާސިންތާއެއް. 200އަށްވުރެ ގިނަ ފަރާތް ބައިވެރިވާނެ. މިއީ އެކި ދާއިރާތަކުން ޚާއްސަ އިދާރާތަކާއެކު ބާއްވާ މަހާސިންތާއެއް. އެއަށްފަހު ޕްލޭންގެ ފައިނަލް ޑްރާފްޓް އެކުލަވާލާނީ." އަބްދުﷲ ވަޙީދު ވިދާޅުވިއެވެ.

ބައްދަލުވުންތައް ނިމުނުނަމަވެސް، ވިލުންތެރި ރާއްޖެ ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް ހުޅުވިފައި އޮންނާނެއެވެ. އޮންލައިން ސަރވޭގައިވެސް އެމީހަކު ބޭނުންވާ ދާއިރާއަކުން ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ލިބޭނެއެވެ.

މި ޕްލޭނަށް މަޢުލޫމާތު އެއްކުރަނީ މައިގަނޑު 4 ދާއިރާއަކުންނެވެ. އެއީ އިޤްތިޞާދީ ދާއިރާ، ސްޕޭޝަލް ޕްލޭނިން، ގުޑް ގަވަނަންސް އަދި މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއެވެ.

މި ޕްލޭންގެ މަސައްކަތްތައް ނިންމާ އަންނަ ޖުލައިމަހުގެ ތެރޭގައި ތަންފީޒުކުރަން ފެށުމަކީ ސަރުކާރުގެ ޢަމާޒެވެ. މި ޕްލޭން އެކުލަވާލާނީ އެކަމަށް ޤާނޫނީ ބާރުވެރިކަންވެސް ލބޭގޮތަށެވެ.