ޚަބަރު

ޔޫވީ އަތުން ބުރު ސްޕޯޓްސްއަށް މުހިންމު މޮޅެއް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ބުރު ސްޕޯޓްސް ކުލަބު މުހިންމު މޮޅެއް ހޯފައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ބުރު ސްޕޯޓްސްއިން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފަހު 10 މިނެޓު ތެރޭގައި ޖެހި ލަނޑުތަކާއެކު 2-0 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއެކު ބުރު ސްޕޯޓްސް ވަނީ ކުޅުނު 8 މެޗުން 11 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. ކުލަބު ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބު ކުޅުނު މެޗު އެއްވަރުވުމުން 4 ޕޮއިންޓާއެކު ޔޫވީ ވަނީ ތާވަލު ފުލަށް ވެއްޓިފައެވެ.

ލީގުގެ އަށްވަނަ ހަފުތާގެ ކުޅުން ނިމުނުއިރު، 24 ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ދެވަނަގައި އޮޑި ސްޕޯޓްސް ކުލަބު އޮތީ 19 ޕޮއިންޓާއެކުވެ. މި ހަފުތާގައި ކުޅުނު މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިވުމުން ވަނީ ތިންވަނައަށް ވެއްޓިފައެވެ. އެއީ 17 ޕޮއިންޓާއެކުވެ.

ތާވަލުގެ ހަތަރުވަނައިގައި 12 ޕޮއިންޓާއެކު ކުލަބު އީގަލްސް އޮތްއިރު، ވިކްޓަރީ ހަވަނައިގައި އޮތީ 9 ޕޮއިންޓާއެކުވެ. 7 ޕޮއިންޓާއެކު ވެލެންސިއާ ހަތްވަނައިގައި އޮތްއިރު، އަށްވަނައިގައި އޮތް ޓީސީ އާއީ ނުވަވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ވަނީ 5 ޕޮއިންޓް ލިބިފައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން މާ އެދެވޭ ކުޅުމެއް ދެ ޓީމަށް ދެއްކިފައެއް ނުވެއެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ބުރު ސްޕޯޓްސްގެ ބިދޭސީ ފޯވާޑް ހަޑްސަން ޑިއާސް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅެއް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ލަނޑު ބުރު ސްޕޯޓްސްއިން ޖެހީ ލިބުނު ކޯނަރެއްގައި ބުރުގެ މިސްރު ޑިފެންޑަރު އަލާއެލްދީން އެލްސައީދު ބޮލުން ގޯލުގެ އޭރިއާ ތެރެއަށް ފޮނުވާލުމުން، ބުރު ސްޕޯޓްސްގެ އަރީން އަބްދުލްﷲ އިބްރާހީމް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ. މި ލަނޑު އެ ޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގެ ތެރޭގައެވެ.

ބުރު ސްޕޯޓްސްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 44 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއަށް އަލީ ހަމްދާން ނަގައިދިން ބޯޅައެއް، ހަޑްސަން ޑިއާސް ވަނީ ބޮލުން ގޯލަށް ވައްދާލާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން ނުކުތް މުޙައްމަދު ނާއިމަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލެވޭ ގޮތް ނުވެފައެވެ. މި ހާފުގައި އޭރިއާ ބޭރުން ހަމްދާން ފޮނުވާލި ހިލޭޖެހުމެއް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ބުރު ސްޕޯޓްސް ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.