ޚަބަރު

އައިނު ހައްދަން ދޭ އެހީ ބޮޑުކުރި ފަހުން 47 މިލިޔަން ރުފިޔާ ޚަރަދުކޮށްފި


  • އަމިއްލަ ތަންތަނަށް 32.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ

  • ސަރުކާރުގެ ހޮސްޕިޓަލުތަކަށް 14.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ

އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީ ބޮޑުކުރި ފަހުން އައިނު ހެއްދުމަށް ސަރުކާރުން 47.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިއަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއާއެކު އެންސްޕާއިން ވަނީ، މިއަހަރުގެ ޖޫން މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އާސަންދަ ސްކީމުގެ ދަށުން އައިނު ހެއްދުމަށް ދެ އަހަރުން އެއް އަހަރު ދޭ އެހީ މުރާޖަޢާކޮށް 2000 ރުފިޔާ އިތުރުކުރުމަށްފަހު ހިނގި ޚަރަދުގެ ތަފްސީލް އާންމު ކުރައްވާފައެވެ.


އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ، އަމިއްލަ ޚިދުމަތްދޭ ފަރާތްތަކަށެވެ.

އެގޮތުން 17117 މީހަކަށް އަމިއްލަ ތަންތަނުން ޚިދުމަތް ހޯދުމަށް މާލީ އެހީ ފޯރުކޮށްދީފައިވެއެވެ. އެއީ، 32.6 މިލިޔަން ރުފިޔާއެވެ. މީގެ އިތުރަށް ސަރުކާރުގެ ހޮސްޕިޓަލުތަކަށް 14.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެއީ 7382 މީހަކު އައިނު ހެއްދުމަށް ކޮށްފައިވާ ޚަރަދެވެ.

އާންމު ދިރިއުޅުމަށް މުހިންމު އެއްޗަކަށް އައިނުވެފައިވާއިރު، އައިނު ހެއްދުން ވެފައިވަނީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށެވެ. އާންމުންގެ ޒަމާންވީ ކަންބޮޑުވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުވަނީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވާފައެވެ.

އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ، އައިނު ފިހާރަ ހުޅުވާ ޚިދުމަތް ދޭން ފަށާފައެވެ. މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހެދުމަކީ، ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.