ޚަބަރު

މޯލްޑިވިއަނުން ލަންކާއަށް އަގު ހެޔޮ ދަތުރުތަކެއް، ޓިކެޓު އެންމެ 99 ޑޮލަރަށް!


  • ދަތުރުތައް އޮންނާނީ އަންނަ މަހުގެ 7 އާއި 9 ވަނަ ދުވަހު

  • ދަތުުރުކުރާ ކޮންމެ މީހަކަށް 35 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސްއެއް ލިބޭނެ

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ސްރީލަންކާގެ ކޮލޮމްބޯއަށް ޚާއްސަ ދަތުރުތަކެއް ކުރުމަށް ނިންމާ، އަގުހެޔޮ ފެއަރއެއް ތަޢާރަފުކޮށްފިއެވެ. މި ފެއަރގެ ދަށުން ލަންކާއަށް ދަތުރުކުރުމަށް ބޭނުންކުރާނީ އެއަރބަސް އޭ320 ބޯޓުކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވިދާޅުވީ، ޓިކެޓުގެ އަގު ހެޔޮކުރުމާއެކު، ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ރާއްޖެއާއި ލަންކާއާ ދެމެދު ދަތުރުކުރުމަށް އިސްކަންދޭ އެއާލައިނެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ދަށުން މޯލްޑިވިއަނުން ކޮލޮމްބޯއަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 99 އެމެރިކާ ޑޮލަރުންނެވެ. މި ދަތުރުތައް އޮންނާނީ ޑިިސެމްބަރު މަހުގެ 7 އާއި 9 ވަނަ ދުވަހު ކަމަށް ވެސް އެއާލައިނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވިދާޅުވީ، ފަސިންޖަރުންނަށް ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި، ދަތުުރުކުރާ ކޮންމެ މީހަކަށް 35 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސް ލިބޭނެ ކަމަށެވެ.

މޯލްޑިވިއަނުން ދެކޭގޮތުގައި މި ދަތުރުތަކާއެކު އެޤައުމަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ފަތުރުވެރިކަމަށްވެސް މީގެ ފައިދާކުރާނެ ކަމަށް އެއަރލައިނުން ދެކެއެވެ.

މޯލްޑިވިއަނުން ޑިސެމްބަރު ބަންދާއި ދިމާކޮށް ތައިލޭންޑްގެ ބެންކޮކް އަދި މެލޭޝިއާގެ ކުއަލަލަންޕޫރަށް ޚާއްސަ ދަތުރުތަކެއް ކުރުމަށް ނިންމާފައެވެ. މި ދަތުރުތައް އޮންނާނީ ޑިސެމްބަރު އަދި ޖަނަވަރީ މަހުގައެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.