މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާއާއި، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯއިން ހޫނު ގަދަވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަަބަބުން މަސައްކަތަށް ކުރާ އަސަރުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ދަޢުލަތުގެ ކަމާއި ގުޅޭ އިދާރާތަކުގެ އިތުރުން މަސައްކަތްތެރިން ތަމްސީލު ކުރާ ޖަމްޢިއްޔާތަކާއި، ވަޒީފާ ދޭ ފަރާތްތައް ތަމްސީލު ކުރާ ޖަމްޢިއްޔާތައް އަދި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ޖަމްޢިއްޔާ، އައިއެލްއޯއިން ބައިވެރިވިއެވެ.
މަސައްކަތްތެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުން ބޭއްވުމުގެ އަސާސަކީ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން، (އައިއެލްއޯ) އިން އެކުލަވާލާފައިވާ ދިރާސާ ރިޕޯޓު ހުށަހެޅުން ކަމަށެވެ. މި ރިޕޯޓުގެ މައިގަނޑު މަޤްސަދަކީ، ޤައުމީ ސިޔާސަތުތައް ކަމަށްވާ ނޭޝަނަލް ޑިޓަރމިނޭޑް ކޮންޓްރިބިއުޝަންސް (އެންޑީސީ)، ލޯންގް ޓާމް ލޯ އެމިޝަން ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް (އެލްޓީ-އެލްއީޑީއެސް)، އަދި ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް (ސީޕީޕީ) ފަދަ ކަންކަމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ވިސްނުންތައް ފޯރުކޮށްދިނުމެވެ.
މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްވަރާ ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ، މަސްލަހަތުވެރިންނާއި ގުޅިގެން މަޝްވަރާކޮށް، އެފަރާތްތަކުގެ ޚިޔާލުތައް ހޯދުން ކަމަށެވެ. އަދި އައިއެލްއޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރާއްޖޭގެ ވަޒީފާތަކާއި، އުފެއްދުންތެރިކަމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި، މިކަމުގެ ސަބަބުން ވަޒީފާގެ މާހައުލަށާއި، މަސައްކަތްތެރިންނާއި، ވިޔަފާރިތަކުގެ އިތުރުން މުޅި އިޤްތިޞާދަށްވެސް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސިޔާސަތުތައް އެކުލަވާލުމަށް މަސައްކަތްކޮށްފައިވާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި މަސްލަހަތުވެރިންގެ އަޑުތައް އަހައި، އެމީހުންގެ ނަޒަރިއްޔާތުގެ އަލީގައި މިހާރު ހުރި ސިޔާސަތުތަކާއި، މޫސުމާއި ތިމާވެށީގެ ސިޔާސަތުތައް އެއްކޮށްލެވޭނެ ގޮތްތަކާއި މެދުވެސް މަޝްވަރާކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މަސައްކަތްތެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްވަރާ ބައްދަލުވުމުގެ ސަބަބުން މަސްލަހަތުވެރިންނަށް ދިރާސާގެ ނަތީޖާތައް ޙިއްސާ ކުރުމާއި، މި މައުޟޫޢާ ގުޅޭގޮތުން އެމީހުންގެ ވިސްނުންތައް ހާމަކުރުމުގެ ފުރުޞަތު ލިބިގެންދިޔަ ކަމަށެވެ. އަދި މިފަދަ މަޝްވަރާތަކަކީ، ހޫނު ގަދަވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ދިމާވާ ގޮންޖެހުންތައް ޙައްލު ކުރުމަށް މަގުފަހިކޮށްދީ، ދެމެހެއްޓެނިވި ވިޔަފާރިތައް އުފެއްދުމާއި، އިތުރު އަދި ރަނގަޅު ވަޒީފާތައް އުފެއްދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.