ޚަބަރު

ޢަބްދުއްރަޙްމާންގެ މަރު: 3 މީހެއްގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ


  • ދަޢުވާ ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ، އިއްޔެ

  • ދަޢުވާ އުފުލާފައިވަނީ، ޢަބްދުއްރަޙްމާން ނިސްބަތްވާ މާޅޮހުގެ ތިން މީހެއްގެ މައްޗަށް

މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު އއ. މާޅޮހުގެ ގެއަކުން ހަތިޔާރު ބޭނުން ކޮށްގެން ބޮޑެތި ޒަޚަމްތަކެއް ދީ ޢަބްދުއްރަޙްމާން އާދަމް މަރާލާފައިވާ މައްސަލާގައި 3 މީހަކަށް ދަޢުވާކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، 13 ޖުލައި 2025 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް، އއ. މާޅޮސް، މާހިޔާގޭގެ ކޮޓަރިއެއްގައި ނިދާފައި އޮއްވައި، ފުރާނައަށް ގެއްލުން ލިބޭ ފަދަ ބޮޑެތި ޒަޚަމްތަކެއް ދީ މަރާލާފައިވާ މައްސަލާގައި 3 މީހެއްގެ މައްޗަށް ދަޢުވާކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓަށް އިއްޔެ ހުށައަޅާފައިވާ ކަމަށެވެ.

ޢަބްދުއްރަޙްމާން އާދަމް މަރާލާފައިވާ މައްސަލާގައި ދަޢުވާ އުފުލުފާއިވާ 3 މީހުންނަކީ، އއ. މާޅޮސް، ފިޔަ، އަޙްމަދު އާޝިދާއި އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމްއާއި، އއ.މާޅޮސް، ފިނިވާގެ، އަޙްމަދު ފާރިސްއެވެ. އެ 3 މީހުންގެ މައްޗަށްވެސް އުފުލާފައިވަނީ، ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސް، ޕޯސްޓްމޯޓަމެއްވެސް ހަދާފައެވެ. އިންޑިޔާއިން ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ޖަނާޒާ ބޭއްވީ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ޢަބްދުއްރަހްމާން ނިޔާވީ، ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޖުލައި 13 ވަނަ ދުވަހުއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޓީމެއް މާޅޮހުގައި ހަރަކާތްތެރިވެފައިވެއެވެ. އަދި އެ ރަށަށް އަރައި ފައިބާ މީހުން މޮނިޓަރވެސް ކުރިއެވެ.

ޢަބްދުއްރަޙްމާން ނިޔާވިއިރު އޭނާގެ ޢުމުރަކީ، 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ ޢަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެގޭގެ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު މަޢުލޫމާތު ދީފައިވެއެވެ.