ޚަބަރު

28 އަހަރަށްފަހު ސްކޮޓްލޭންޑް ވޯލްޑްކަޕަށް


ވޯލްޑްކަޕް ކޮލިފައިންގައި ރޭ ޑެންމާކް އާއި ދެކޮޅަށް ސްކޮޓްލޭންޑް ކުޅުނު މެޗު 2-4 ގެ ނަތީޖާއަކުން ސްކޮޓްލޭންޑް މޮޅުވެ 28 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ އެވެ.

ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ސީ ގައި ކުޅުނު މި މެޗު އެއްވަރުވުމާއިއެކު ސްކޮޓްލޭންޑަށް ވަނީ ގްރޫޕްގައި ކުޅުނު 6 މެޗުން ޖުމްލަ 13 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ޑެންމާކް އަށް 11 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ޖެހޭނީ ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ.

ސްކޮޓްލޭންޑްގެ ހެމްޑަން ޕާކްގައި ސާޅީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި ސްކޮޓްލޭންޑްގެ ސްކޮޓް މެކްޓޮމިނޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މެޗުގެ ކުރީކޮޅު ސްކޮޓްލޭންޑް އިން ޖެހި ލަނޑާއެކު 1-0 ގެ ނަތީޖާ އަކުން ކުރީގައި އޮވެ އެ ޓީމުން ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ޑެންމާޚްގެ ރަސްމުސް ހޮއިލަންޑް ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޑެންމާކް އިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިތާ ހަތަރު މިނިޓު ފަހުން އެ ޓީމަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ރަސްމުސް ކްރިސްޓެންސެން އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ޑެންމާކް އިން ކުޅެން ފެށިތާ 17 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްކޮޓްލޭންޑްގެ ލޯރެންސް ޝެންކްލޭންޑް ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 9 މިނިޓަށް ވެފައިވަނިކޮށް ޑެންމާކްގެ ޕެޓްރިކް ޑޯގޫ ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ 90 މިނިޓުގެ ކުޅުން ނިމުނުއިރުވެސް 2-2 ގެ ނަތީޖާއަކުން ޑެންމާކް އަށް ވޯލްޑްކަޕްގެ ފުރުސަތު އޮތް ނަމަވެސް އިންޖަރީ ވަގުތުގެ 8 މިނިޓުގެ ތެރޭގައި ސްކޮޓްލޭންޑް އިން ވަނީ އިތުރު ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކީރަން ޓިއާނީ އާއި ކެނީ މެކްލީން އެވެ.

މިއީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑްކަޕަށް ފަހު ސްކޮޓްލޭންޑް އިން ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.