ޚަބަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ފިރިހެން ހޭންޑްބޯޅަ ޓީމަށް ބައިވަރު ކަންކަން ރަނގަޅު ކުރެވިއްޖެ: އަޒްހަމް


  • ވާދަކުރަން ޖެހޭނީ ވަރުގަދަ ޓީމުތަކާއިކަން އިނގޭ، މުބާރާތައް ދިޔައީ އެކަމަށް ތައްޔާރުވެގެން

  • ފިރިހެން ޓީމުގެ ކުޅުންތެރިންނަށް ލިބިގެން މިދިޔައީ ދުވަހަކުވެސް ނުލިބޭނެ ކަހަލަ ތަޖުރިބާއެއް

ސަޢޫދީ ޢަރަބިއްޔާގައި ރިޔާޟުގައި ކުރިއަށްދިޔަ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމު ކުޅުނު ތިން މެޗުގައިވެސް ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސްދޭ ކަމަށް ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމުގެ ކޯޗު ހުސެއިން އަޒްހަމް ބުނެފިއެވެ.

އަޒްހަމް ބުނީ ސަޢޫދީ ޢަރަބިއްޔާއަށް ދިޔައިރުވެސް ވާދަކުރަން ޖެހޭނީ ވަރުގަދަ ޓީމުތަކާއިކަން އިނގޭ ކަމަށާއި، މުބާރާތަށް ދިޔައީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ.

"އެހެންނަމަވެސް ފާހަގަކުރަންޖެހޭ އެންމެ ހިތްހަމަޖެހޭ ކަހަލަ ނަތީޖާތަކެއް ނޫން މި ނިކުތީކީ. އެކަމަކު އަޅުގަނޑުމެންގެ ފުރަތަމަ މެޗުން ފެށިގެން މިހިސާބަށް އައިއިރު އިންޑިވިޖުއަލީ ވަރަށް ބައިވަރު ކަންތައްތަކެއް ރަނގަޅު ކުރެވިއްޖެ" އަޒްހަމް ބުންޏެވެ.

ރާއްޖޭގެ ފިރިހެން ޓީމުގެ ކުޅުންތެރިންނަށް ލިބިގެން މިދިޔައީ ދުވަހަކުވެސް ނުލިބޭނެ ކަހަލަ ތަޖުރިބާއެއް ކަމަށާއި އޭޝިއާގެ އެންމެ ވަރުގަދަ މި ފެންވަރުގެ ޓީމުތަކަކާއި ވާދަކުރިއިރު ރާއްޖޭގެ ކުޅުންތެރިން ފުދޭވަރަކަށް ރަނގަޅަށް ޕާފޯމް ކުރި ކަމަށްވެސް އަޒްހަމް ފާހަގަކުރިއެވެ.

"މީގަ އަނބުރާ ގެންދެވޭނެ ކަންތައްތައް ވަރަށް ގިނަ. ދެން އަޅުގަނޑުމެންގެ ޓާގެޓަކީ އަބަދުވެސް މުބާރާތްތަކުން ލިބޭ އެއްޗަކުން އަޅުގަނޑުމެންގެ ސަރަހައްދީ މުބާރާތްތަކުން ރަނގަޅު ކާމިޔާބީއެއް ހޯދުން" ކަމަށް އަޒްހަމް ބުންޏެވެ.

މުބާރާތުގައި ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމުން ކުޅުނު ތިންވަނަ މެޗުގައި ރާއްޖޭގެ މައްޗަށް ގަތަރުން ކުރި ހޯދުމާއެކު ރާއްޖެއަށް ވަނީ މި މުބާރާތް ނިމިފައެވެ.
ގުރޫޕް އޭގައި ރާއްޖެ ވާދަކޮށްފައިވަނީ ގަތަރު، ޔޫއޭއީ އަދި އީރާންއާއި ދެކޮޅަށެވެ. އީރާން އަތުން ރާއްޖެ ބަލިވީ 14-57 ލަނޑުންނެވެ. ޔޫއޭއީ އަތުން ރާއްޖެ ބަލިވީ 10–53 ލަނޑުންނެވެ. ފަހު މެޗުގައި ގަތަރު އަތުން ބަލިވީ 6-44 ލަނޑުގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

މި ނަތީޖާތަކާއެކު ރާއްޖޭގެ ފިރިހެން ޓީމަށް މުބާރާތް ނިމުނު ނަމަވެސް ކޯޗު އަޒްހަމް ބުނީ މި މުބާރާތަކީ ރާއްޖޭގެ ފިރިހެން ޓީމަށް ގިނަ ކަންތައްތަކެއް ދަސްވި މުބާރާތެއް ކަމަށެވެ. އަދި މިހެން ލިބޭ ތަޖުރިބާގެ އަލީގައި ކުރިޔަށް އޮތް މުބާރާތަކަށް ކުޅުންތެރިން ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތެއް މިފަދަ ވަރުގަދަ ޓީމުތަކާއި ވާދަކުރުމުން ލިބޭ ކަމަށެވެ.

މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދީ ދިވެހި ޓީމަށް އެންމެހާ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ހޭންޑްބޯޅަ އެސޯސިއޭޝަނާއި ކުޅިވަރު ވުޒާރާއިން ވެދެއްވި އެހީތެރިކަން ފާހަގަކުރާ ކަމަށާއި އެ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށްވެސް އަޒްހަމް ބުންޏެވެ.