ޚަބަރު

ރޮނާލްޑޯ ނެތި ޕޯޗުގަލް އަށް ތަފާތު ބޮޑު މޮޅެއް


ވޯލްޑްކަޕް ކޮލިފައިންގައި ރޭ އަރްމީނިއާ އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗު 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕޯޗުގަލް މޮޅުވެ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ރިޕަބްލިކް އޮފް އަޔަލެންޑް އާއި ދެކޮޅަށް ޕޯޗުގަލް މިދިޔަ ހަފްތާގައި ކުޅުނު މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތް ކާޑު ދައްކާފައިވާތީ މި މެޗަށް އޭނާ ހުރީ ސަސްޕެންޑް ވެފައެވެ.

އަމިއްލަ ގައުމުގައި ޕޯޗުގަލް ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި ރެނާޓޯ ވެއިގާ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދިން ނަމަވެސް އޭގެ 11 މިނިޓު ފަހުން އަރްމީނިއާގެ އެޑުއަޑް ސްޕާޓްސަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޕޯޗުގަލް އަށް މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދަދީފައިވަނީ މެޗުގެ 28 ވަނަ މިނިޓުގައި ގޮންޒާލޯ ރާމޯސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ފަހުން މެޗުގެ 30 ވަނަ މިނިޓާއި 41 ވަނަ މިނިޓުގައި ޖޮއާއޯ ނެވެސް ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާފަ އެވެ. އަދި މެޗުގެ 72 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 9 މިނިޓަށް ވެފައިވަނިކޮށް ޖޮއައޮ ނެވެސް ވެސް ވަނީ އިތުރު ލަނޑެއް ޖަހާ ހެޓްރިކް ހަދާފަ އެވެ.

ޕޯޗުގަލް އިން މި މެޗުގައި ޖެހި ނުވަވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ފްރެންސިސްކޯ ކޮންސެއިސާއޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.