ޚަބަރު

ތާރީޚު ދިރާސާކުރުމުގެ ސްކޮލަރޝިޕަކީ ޤައުމު ދެކެ ލޯބިވާ ޖީލެއް ބިނާކުރުމުގެ މުހިންމު ފިޔަވަޅެއް: ފަސްޓް ލޭޑީ


  • 40 ސްކިލަރޝިޕް ފުރުޞަތު ވަނީ ދީފައި

  • ޤައުމުގެ ރީތި އާދަތަކާއި ސަޤާފަތް ދަމަހައްޓަންޖެހޭކަމަށް ވިދާޅުވި

ދިރާސާ ކުރުމަށް ސަރުކާރުން ފޯރުކޮށްދިން ސްކޮލަރޝިޕް ފުރުޞަތަކީ ދިވެހި ތާރިޚާ ތަރިކަ ރައްކާތެރިކޮށް، ޤައުމު ދެކެ ލޯބިވާ ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ދޭ "ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް" ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ދިވެހި ދަޤާފަތާ ތަރިކައިގެ ދާއިރާއިން 40 ސްކޮލަރޝިޕް ފުރުޞަތު ވަނީ ފޯރުކޮށްދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްގާ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ދިވެހިން ދިވެހީންގެ ގޮތުގައި އަދި ޤައުމެއްގެ ގޮތުގައި އޮތުމަށް، ދިވެހި ތާރީޚަކީ ކިހާ މުހިންމު އެއްޗެއްކަން ވިސްނާ އެމަގުން މަސައްކަތްކުރަންޖެހޭކަމަށެވެ.

ރާއްޖެއަކީ ތާރީޚީ އެތަށް މުއްސަނދިކަމެއް ލިބިފައިވީ ޤައުމެއްނަމަވެސް، ރާއްޖޭގައި މީގެކުރީގައި އެތައް ތަރިކައެއް ނެތިގޮސް އަދި ނައްތާލެވިފަވުމަކީ ކަންބޮޑުވާކަމެއްކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. މީގެތެރޭގައި މައުނަވީ އަދި މާއްދީ ތަރިކަ ހިމެނޭއިރު، ދިވެހިންގެ އިހުގެ ވާހަކަތަކާއި ހިރިގަލު މިސްކިތްތައްފަދަ ބިނާތައްވެސް ހިމެނޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މާދަރީ ބަހަށްވެސް އަސަރު އެބަ ފޯރާ. ބޭރުގެ ބަހަށް ފަރިތަވަމުންދަނީ. ދިވެހި ތާރީޚާއި ތަރިކަ ދޭހަ ނުވެ. އެކަމުގެ މުހިންމުކަން އިހުޞާސުވާންވީ މީހުންނަށް އިޙުސާސުވޭބާއޭ ހިތަށްއަރާ. އެހެން ޤައުމުތަކުގައި އެމީހުންގެ ބަހާ އާދަތަކަށް ފަރިތަ ޖީލެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރޭ." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ދިވެހިންގެ ދީނާއި ސަޤާފަތާއި، އާދަކާދައާއި ތާރީޚުގެ ވާހަކަތައް މި އަސާސުގެ މަތީގައި ކުރިއަށްގެންދަންޖެހޭކަމަށާއި އެކަމަށް ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަކަމަށެވެ. އެގޮތުން ދިވެހިންގެ ރީތި އަޙުލާޤާ ދިވެހިންގެ މަސައްކަތެރިކަމާއި ހުނަރުތަކުގެ ހަރުދަނާގޮތްތައް، ރަނގަޅު މިސްރާބުގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ދައްކަންޖެހޭކަން ފާހަގަކުރެއްވިއެވެ.

"އަމިއްލަ ފައިމައްޗަށް ތެދުވެފަވާ، ޝަޢުގާ ހިތްވަރު ހުރި ވަޒަންދެކެ ލޯބިވާ އަމިއްލަވަންތަ ދިވެހި ޖީލުތަކަށް މި ޤައުމު ދަނީ އިންތިޒާރުކުރަމުން. އިސްލާމީ ރިވެހި އަޙުލާޤާ ދިވެހިންގެ ރީތި އާދަކާދަތައް އަލުން ހޯދަންޖެހޭ." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދިރާސާ ކުރުމަށް ދޫކުރި ސްކޮލަރޝިޕްތަކުގެ މަޤުޞަދަކީ ދިވެހި ޤައުމުގެ މައުނަވީ އަދި މާއްދީ ތަރިކަތަކަށް ޢިލްމީ ލޮލަކުން ބަލާ ވަޒަންކުރުމުގެ ޤާބިލުކަން އަށަގަންނުވައިދޭ ފުރަތަމަ ގެމަ ކަމަށެވެ. މި މަސައްކަތަކީ ދިވެހި ޤައުމުދެކެ ލޯބިވާ ޖީލެއް ބިނާކުރުމަށް ކުރެވޭ އަގުހުރި މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ފާހަގަކުރައްވާފައެވެ.