ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ "ހެލްތު އެކްސްޕޯ 2025" އަށް ޒިޔާރަތްކުރާ އާންމުންގެ ފަރާތުން މިއެކްސްޕޯއަށް ދަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.
ހެލްތު އެކްސްޕޯ 2025"އަކީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރި ކުރުމާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ޙިއްސާ ކުރުމަށް ސިއްޙީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
"ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި އެކްސްޕޯގައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުން ބައިވެރިވެފައިވެއެވެ.
ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން އެކްސްޕޯގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނީ، މިއަހަަރުގެ އެކްސްޕޯއަށް އާންމުންގެ ފަރާތުން ހީވެސްނުކުރާ ވަރަށް ތަރުޙީބު ލިބެމުންދާ ކަމަށެވެ. ވަކިން ޚާއްސަކޮށް، ސިއްޙީ ފަރުވާދޭނެ ކުދިކުދި ގޮތްތައް ތަޖުރިބާ ކޮށްލުމަށް ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށް ސްޓޯލްތަކުން ބުނެއެވެ.
50 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާ މި އެކްސްޕޯގެ ތެރެއިން، ޞިއްޙީ ދާއިރާގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތުތަކާއި، މި ދާއިރާއިން ތަޢުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި، ޑޮކްޓަރަށް ދެއްކުމާއި، ހެލްތު ސްކްރީނިންގއާއި އެކި އެކި ބަލި ބައްޔާއި ގުޅޭ މަޢުލޫމާތުތަކާއި، އިރުޝާދުތައް ދިނުމުގެ އިތުރުން ހެލިފެލިވެ އުޅުމުގެ އެކި ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެެވެ.
މީގެއިތުރުން ކުޑަކުދިންނަށް ސިއްޙީ މަޢުލޫމާތުތައް ދިނުމަށް ކުޑަކުދިން ގަޔާވާނެ ގޮތަށް އެކްސްޕޯގެ ތެރެއިން ގެންދަނީ އެކި ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
ހެލްތު އެކްސްޕޯ ކުރިއަށް ދާނީ، މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.