ޚަބަރު

ހަފްތާ 104: 39 ރަށުގެ ނަރުދަމާގެ މަސައްކަތް ނިންމައިިފި


  • މީގެތެރޭގައި އަލަށް ފެށި މަސައްކަތްތަކާއި ވާރުތަވި މަޝްރޫޢުތައް ހިމެނޭ

  • 40 ރަށުގެ މަސައްކަތް އަލަށް ކޮންޓްރެކްޓް ކޮށްފައިވޭ

މި ދަޢުރުގެ ތެރޭގައި ނަރުދަމާގެ 39 މަޝްރޫޢު ނިންމާފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މީގެތެރޭގައި މި ދަޢުރުގައި މުޅިން އަލަށް ހަވާލުކުރި މަޝްރޫޢުތަކުގެ މަސައްކަތްތަކާއި، ކުރީ ސަރުކާރުތަކުގައި ފަށާ ހުއްޓިފައި ހުރި މަޝްރޫޢުތައް ނިންމުމުގެ މަސައްކަތްތައްވެސް ހިމެނޭ ކަމަށެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ޙިއްސާކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، މި ދައުރުގެ މިހާތަނަށް ނަރުދަމާގެ 79 މަޝްރޫޢުއަކާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ، މުޅިން ނިންމާފައިވާ 39 މަޝްރޫޢާއި އަލަށް ކޮންޓްރެކްޓް ކޮށްފައިވާ 40 މަޝްރޫޢުއެއްގެ މަސައްކަތެވެ.

ސަރުކާރުން ވަނީ މަސައްކަތް ފަށާ، ހުއްޓިފައިވާ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްތައް ކޮންޓްރެކްޓަރުންގެ އަތުން ނަގާ، އެ މަސައްކަތްތައް އަވަސް ކުރުމަށް އާ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. އޭގެތެރޭގައި ގިނަ މަޝްރޫޢުތަކެއް އަވަސް ކުރުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން ވިލަރެސްކުރާ ގޮތަށް ސަބްސިޑަރީ ކުންފުނިތަކާ ވަނީ، ހަވާލުކޮށްފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 146 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމުކޮށް އަންނަނީ ޚިދުމަތް ދެމުންނެވެ. ބާކީ ހިމެނޭ ހުރިހާ ރަށްތަކެއްގައިވެސް މަސައްކަތްތައް ހަވާލުކޮށް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

2027ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް ލާޒިމުކުރާ ޤާނޫނެއް މިއަހަރު މަޖިލީހުން ފާސްކޮށްފައިވެއެވެ. 2020ވަނަ އަހަރު ފުރަތަމަ ފާސްކުރި އެ ޤާނޫނުގައި ދީފައި އޮތީ، 5 އަހަރުގެ މުއްދަތެކެވެ. ނަމަވެސް އޭރު އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ހިނގައިގަނެ ކުރިއަށް ގޮސްފައިނުވާތީ، އެ ޤާނޫނުގެ މުއްދަތު ހަމަވާއިރު އެކަން އޮތީ ހާސިލުނުވެއެވެ. އެހެންކަމުން ޤާނޫނަށް ބަދަލު ގެނެސް މިހާރު މިވަނީ، ކުރިއަށް އޮތް 2 އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފުރިހަމަ ކުރުމަށް ނިންމާފައެވެ.

ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތަކީ، ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ އަސާސީ ވަރަށް މުހިންމު ޚިދުމަތެކެވެ.