ޚަބަރު

ކިތަންމެ މޮޅު ކުޅުންތެރިއަކާވެސް ވާދަކުރެވިދާނެކަމުގެ ޔަގީންކަން ލިބިއްޖެ: ދީމާ


  • ދީމާ އާއި ރަފާ ވަނީ އަންހެން ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދާފަ

  • ދީމާ ބުނީ މިއީ މުޅި ޓީމުގެ މަސައްކަތް ކަމަށް

ކިތަންމެ މޮޅު ކުޅުންތެރިއަކާ ދެކޮޅަށް ކުޅޭއިރުވެސް ވިސްނުން ބަހައްޓަންވީ ގޮތް ދަސްވެއްޖެ ކަމަށް ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ ބުނެފިއެވެ.

ދީމާ މިހެން ބުނެފައިވަނީ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރުމަށްފަހު އެނބުރި މާލެއައިސް ޕީއެސްއެމް ނިއުސްއަށް ދިން ޚާއްޞަ އިންޓަރވިއުއެއްގައެވެ. ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް އަންހެން ޑަބަލްސް އިވެންޓުން ތިންވަނަ ހޯދާ ދީމާ ވަނީ ރިހި މެޑަލް ހާސިލް ކޮށްފައެވެ.

ދީމާއާއި އައިޝަތު ރަފާ ނާޒިމްގެ ޕެއަރއިން ލޯ މެޑަލްހާސިލުކޮށްފައިވާއިރު ޓީޓީ ޓީމާއެކު ރަފާ މާލެއައިސްފައެއް ނުވެއެވެ. އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރަމުން އަންނަ ރަފާ މުބާރާތަށްފަހު އެނބުރި ދިޔައީ އިނގިރޭސިވިލާތަށެވެ.

ޕީއެސްއެމްއާ ވާހަކަ ދައްކަމުން ދީމާ ބުނީ މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް ކަމަށާއި، މި ލިބުނު ކާމިޔާބީގައި މުޅި ޓީމާއި ޓީމަށް އެކި ގޮތްގޮސްތުން އެހީތެރިވެދޭ އެންމެން ހިމެނޭ ކަމަށެވެ.

އިދިކިޅުން ކުޅެނީ ކިތަންމެ މޮޅު އަދި ކިތަންމެ މަޝްހޫރު ކުޅުންތެރިއެއް ކަމަށްވިޔަސް ޖެހިލުމެއް ނުވެ ވާދަކުރުމުގެ ވިސްނުން ބަހައްޓާ މެޗަށް ފޯކަސްކޮށްގެން ކުރިޔަށްދާން ދަސްވެއްޖެ ކަމަށް ދީމާ ބުންޏެވެ. އަދި ވަރަށް ގިނަ ކުޅުންތެރިންނާއެކު ކުޅުމުގެ ތަޖުރިބާއާއި އެކި ސްޓައިލްތަކުގެ ކުޅުންތެރިންނާއެކު ކުޅުމުގެ ތަޖްރިބާވެސް ލިބި، ވަރަށް ގިނަ ކަންކަން މި މުބާރާތުން ދަސްވެއްޖެ ކަަމަށް ދީމާ ފާހަގަ ކުރިއެވެ.

ދީމާ ބުނީ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ، ކުރިޔަށް އޮތް ތަނުގައިވެސް މިއަށްވުރެ ރަނގަޅު ކާމިޔާބީތަކެއް ހޯދިދާނެ ކަމުގެ އުންމީދު އައު ވެއްޖެ ކަމަށާއި، ކުރިޔަށް އޮތްތަނުގައި މިއަށްވުރެ ރަނގަޅު ކާމިޔާބީތައް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

ދީމާ އާއި ރަފާއަށް މުބާރާތުގެ ތިން ވަނަ ލިބުނީ ސެމީ ފައިނަލް މެޗުގައި އިދިކޮޅުން ވާދަކުރި ތުރުކީގެ ޓީޓީ ޗެމްޕިއަނުންކަމަށްވާ އެޗޭ ހަރާކާއި އޮޒްގީ ޔިލްމާޒް އަތުން ބަލިވެގެންގެންނެވެ. ވާދަވެރި މި މެޗު އިދިކޮޅުން ނަގައިފައިވަނީ 3 ސެޓު 1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.