ކުޅިވަރު

ރާއްޖެއާ ދެކޮޅަށް ނިކުތުމުގެ ކުރިން ވަރުގަދަ ސްކޮޑަކާއިއެކު ފިލިޕީންސް ޓީމް ޑުބާއީގައި


އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ފިލިޕީންސްއިން ވަރުގަދަ ޓީމަކާއެކު ޑުބާއީގައި ކޭމްޕް ކޮށްފިއެވެ.

ރާއްޖެ އައުމުގެ ކުރިން ފިލިޕީންސް ޑުބާއީގައި ތިން ދުވަހު މަޑު ކުރާނެ އެވެ. މިކަމުގެ ބޭނުނަމީ ރާއްޖޭގެ ހޫނަށް ހޭނިލުމަށް ވަގުތުކޮޅެއް ހޯދުމެވެ.

ފިލިޕީންސާއި ރާއްޖޭގެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގަ އެވެ. މި މެޗަށް ނުކުންނައިރު ރާއްޖެ އޮތީ މިހާތަނަށް ކޮލިފައިންގައި ކުޅުނު ހަތަރު މެޗުން ބަލިވެ ޓޭބަލުގެ ފުލުގަ އެވެ. ޕިލިޕީންސް އޮތީ 10 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ. ނަމަވެސް އެއީ ޕޮއިންޓްގެ ގޮތުން ތަޖިކިސްތާނާ އެއްވަރުގެ ގޯލުގެ ތަފާތުންނެވެ. މިހެންވެ ރާއްޖެ މެޗަކީ ފިލިޕީންސަށް ކޮންމެހެން ވެސް މޮޅުވާން ޖެހޭ މެޗެކެވެ. މި ދެ ޓީމު މި އަހަރުގެ މާޗު މަހު ފިލިޕީންސްގައި ކުޅުނު މެޗު 4-1އިން ކާމިޔާބު ކުރީ ފިލިޕީންސެވެ.

މި މެޗަށް އެ ގައުމުން ނަގާފައިވާ ޓީމުގައި ތަޖުރިބާކާރު މުހިންމު ހުރިހާ ކުޅުންތެރިން ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ގޯލްކީޕަރު ކެވިން ރާއި މެންޑޯޒާ އާއި ތަޖުރިބާކާރު ދެ ޑިފެންޑަރުން ކަމަށްވާ ޖެފަސަން ޓަބިނޭޒް އާއި އަމާނީ އަގުއިނާލްޑޯ ހިމެނެއެވެ.

މީގެ އިތުރުން ގައުމީ ޓީމަށް 68 މެޗު ކުޅެދީފައިވާ މިޑްފީލްޑަރު މަނީ އޮޓާއި އެއްވަނަ ފޯވަޑް ޖާވީ ގަޔޮސޯ އާއި ސެބަސްޓިއަން ރަސްމުސެން ހިމެނެއެވެ.

މި މެޗަށް ދިވެހި ޕްރެމިއާ ލީގު މެދުކަނޑާލުމަށްފަހު ރާއްޖޭގެ ގައުމީ ޓީމު ވެސް މިހާރު ދަނީ ފަރިތަކުރަން ފަށައިފަ އެވެ.