ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ހިފަހައްޓައި ކަށަވަރުކުރުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ދައުރު މުހިންމުކަމަށް މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިއުއޭގެ ރިހިޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިއުއޭގެ ރިހިޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވީ، އެމްކިއުއޭއަކީ ރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ފެންވަރު ހިފަހައްޓައި، ނަޒާހަތްތެރިކުރުވައި، ކުރިއެރުން ގެނެސްދިނުމުގައި އިސް ދައުރެއް އަދާކުރާ އިދާރާއެއްކަމަށެވެ.
މަތީ ތަޢުލީމުގެ ވިއުގަ ފުޅާކޮށް ތަރައްޤީކުރުމުގައި ވޭތުވެދިޔަ 25 އަހަރުތެރޭ އެމްކިއުއޭއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވާލުމުގައްޔާއި، ކޯސްތައް އެކްރެޑިޓްކުރުމާއި، އިންސްޓިޓިއުޝަނަލް އޯޑިޓްފަދަ ގިނަ މަސައްކަތްތަކެއް އެމްކިއުއޭއިން ކުރައްވަފައިވާކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭއިން ހޯދޭ މަތީ ތަޢުލީމުގެ ފެންވަރު ދަމަހައްޓައި ރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މުއައްސަސާތަކަކީ ދުނިޔެ ޤަބޫލުކުރާ ތަންތަނަށް ވެގެންގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، އެމްކިއުއޭއިން ކުރާ މަސައްކަތްތަކުގެ އެންމެ ބޮޑު ފައިދާއަކީ، މަސައްކަތުގެ މާޙައުލަަށް ތައްޔާރުވެފައިވާ ބަޔަކު އުފެއްދުމަށް ބާރު ލިބިގެންދިއުންކަމަށެވެ.
"އެމްކިއުއޭއިން ކުރާ މަސައްކަތްތަކުގެ އެންމެ ބޮޑު ފައިދާއަކީ، އިންސްޓިޓިއުޓްތަކުގެ ފެންވަރު މަތިވެ، އީޖާދީވެ، މަސައްކަތުގެ މާޙައުލަަށް ތައްޔާރުވެފައިވާ ބަޔަކު އުފެއްދުމަށް ބާރު ލިބިގެންދިއުން. " ވަޒީރު ޑރ. ޙައިދަރު ވިދާޅުވިއެވެ.
ރާއްޖޭގައި ފޯރުކޮށްދޭ މަތީ ތަޢުލީމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާ މަސައްކަތެކެވެ.
އެމްކިއުއޭއަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ އިދާރާގެ ކުރިއެރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ޚާއްސަ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަކީ 2000 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި އިދާރާއެކެވެ. މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުގެ ނަމުގައި އުފެއްދެވި މި އިދާރާގެ ނަން، މިހާރު ބޭނުންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ނަމަށް ބަދަލުކޮށްފައިވަނީ 17 މެއި 2010 ގައެވެ.