އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުންގެ ކުއަޓަރ ފައިނަލްގައި ފަހަތުން އަރާ ތިން ސެޓް ހޯދައިގެން ރާއްޖޭގެ ރަފާ އަދި ދިމާ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ކުއަޓާރ ފައިނަލްގައި ވާދަކޮށް މިސްރުގެ ޔޮސްރާ އަދި ފަތީ އަތުން ރާއްޖޭގެ ރަފާ އަދި ދިމާ މެޗް ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ.
ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޑަބަލްސް މެޗްތަށް ކުރިއަށްދަނީ ބެސްޓް އޮފް ފައިވްއަށެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ރަފާ އަދި ދިމާއަށް މާރަގަނޅު ކުޅުމެއް ދެއްކޭގޮތްވަނީ ނުވެފައެވެ. އަދި ގޭމްގެ ތެރެއަށް ވަނުމަށްވެސް މިސްރުގެ ކުޅުންތެރިން އެއްވެސް ފުރުސަތެއް ދީފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ސެޓް މިސްރުގެ ޕެއަރ ގެންދިޔައީ ވަރަށް ފަސޭހަކަމާއެކު 11-3 އިންނެވެ.
މިމެޗްގެ ދެވަނަ ސެޓްގައިވެސް މިސްރުގެ ޗެންޕިއަން ޕެއަރގެ ފަރާތުން މޮޅު ކުޅެއް ފެނިގެންދިޔައެވެ. އަދި އެދެ ކުޅުންތެރިންގެ ތަޖްރިބާ ބޭނުން ކުރާތަންވެސް ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ސެޓް ފެށިގެން ލީޑްގައި އޮވެގެން މިސްރުގެ ޕެއަރއިން ކުޅުނު ނަމަވެސް، ރާއްޖޭގެ ރަފާ އަދި ދީމާ ހިތްވަރު ދޫކޮށް ނުލާ ކުޅުނުގެ ނަތީޖާއަކަށްވީ، ސެޓުގެ ނަތީޖާ 7-7އަށް އެއްވަރު ކުރުމެވެ. އަދި އިޖިޕްޓުގެ ޕެއަރއަށް ހެދުނު ގޯސްތަކުގެ ފައިދާނަގާ، ރާއްޖޭގެ ރަފާ އަދި ދިމާވަނީ މެޗްގެ ދެވަނަ ސެޓް 11-9 އިން ކާމިޔާބުކޮށްފައެވެ.
މެޗުގެ ތިންވަނަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މިސްރުގެ ޗެންޕިއަން ޕެއަރއާއި ދެކޮޅަށް ރާއްޖޭގެ ރާފާ އަދި ދިމާ ދިޔައީ ރަގަނޅު ކުޅުމެއް ދައްކަމުންނެވެ. އެއްވެސް ޕެއަރއަކަށް މާ ބޮޑު ލީޑްއެއް ނެގޭ ގޮތެއް ނުވިއެވެ. ނަމަވެސް ސެޓްގެ ފަހުކޮޅަށް ދިޔައިރު ރާއްޖެގެ ރަފާ އަދި ދިމާ ކުޅެމުންދިޔައީ 2 ޕޮއިންޓްގެ ލިޑްއެއްގައި އެވެގެންނެވެ. ނަމަވެސް ކުޅުން ރަގަނޅުކޮށް އިޖިޕްޓްގެ ޕެއަރއިން ނަތީޖާ އެއްވަރު ކުރިއެވެ. އެއީ 10-10 އިންނެވެ. ނަމަވެސް ރާއްޖޭގެ ރަފާ އަދި ދިމާގެ މޮޅު ކުޅުމާއެކު މެޗުގެ ތިންވަނަ ސެޓް ހޯދިއެވެ. އެއީ 13-11 އިންނެވެ.
މެޗްގެ ހަތަރުވަނަ ސެޓްވެސް ދިޔައީ ވަރަށް އެއްވަރުކޮށެވެ. ހާއްސަކޮށް ދެ ސެޓް ގެއްލިފައި އޮތުމުން މިސްރުގެ ކުޅުންތެރި ދިޔައީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް ކުޅެމުންނެވެ. ނަމަވެސް ރާއްޖޭގެ ރަފާ އަދި ދިމާ އެންމެ ތަންކޮޅެއްވެސް ދުލެއް ދިނުމެއްނެތި އިދިކޮޅު ޕެއަރއަށް ލީޑް ލިބުނަނުދީ ހިފަހައްޓަމުން ގެންދިޔައެވެ. މިއާއެކު ސެޓް ދެބައިވީއިރު ރަފާ އަދި ދިމާއިންވަނީ 2 ޕޮއިންޓްގެ ލީޑްއެއް ނަގާފައެވެ. އެއީ 7-5 އިންނެވެ. ރަފާ އަދި ދިމާގެ މޮޅު ކުޅުމާއެކު މިސްރުގެ ޕެއަރއަށް އެއްވެސް ފުރުސަތެއް ނުދީ ސެޓް ކާމިޔާބުކުރިއެވެ. މެޗްގެ ހަތަރުވަނަ ސެޓް ދިމާ އަދި ރަފާ ކާމިޔާބުކުރީ ފަސޭހަކަމާއެކު 11-5 އިންނެވެ. މިއާއެކު ރަފާ އަދި ދިމާވަނީ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަނޑިން މިރޭ 09:30 އެވެ.