އެސްއެމްއީ ޑިޖިޓަލްއިން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަ ކޮށްގެން ހުޅުވާލި ފައިނޭންސިންގ ސްކީމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެސްއެމްއީ ޑިޖިޓަލްއިން މިފުރުސަތު ހުޅުވާލާފައިވަނީ، ރާއްޖޭގެ އިޤްތިޞާދުގައި އަންހެން ވިޔަފާރިވެރިން ޚިއްސާކުރާ ދައުރު އިތުރުކުރުމަށާއި، އަންހެން ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމަށެވެ. މިއީ، އެސްއެމްއީ ޑިޖިޓަލްއިން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަ ކޮށްގެން ހުޅުވާލި މިފަދަ ފުރަތަމަ ފެސިލިޓީއެވެ.
މި ލޯނު ފުރުސަތުގެ ދަށުން ވިޔަފާރި ފަށަން ބޭނުންވާ ކޮންމެ ދާއިރާއަކަށްވެސް ރަހުނަކާއި ނުލައި ފައިނޭންސް ފޯރުކޮށްދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ. ލޯނު ދޫކުރަނީ، 25،000 ރުފިޔާއިން ފެށިގެން 250،000 ރުފިޔާއާ ހަމައަށެވެ.
މި ސަރުކާރުން އަންހެން ވިޔަފާރި ވެރިންނަށް "ފަށާ މަދަދު" ލޯނު ސްކީމްގެ ނަމުގައި މީގެކުރިން ލޯނު ފްރޮގްރާމެއް ހުޅުވާލިއެވެ. ސަރުކާރުން މި ލޯނު ޕްރޮގްރާމް ކުރިއަށް ގެންދިޔައީ، އެސްއެމްއީ ޑިޖިޓަލްއާއި ގުޅިގެންނެވެ. ނަމަވެސް އެއީ، އެސްއެމްއީ ޑިޖިޓަލްއިން ހުޅުވާލި ލޯނު ޕްރޮގްރާމެއް ނޫނެވެ.
އެޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރީ، އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށެވެ. އަދި އެއީ، ހުރިހައި ދާއިރާއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ލޯނު ޕްރޮގްރާމެއް ނޫނެވެ. ނަމަވެސް މިހާރު އެސްއެމްއީ ޑިޖިޓަލްއިން ހުޅުވާލާފައިވާ ފުރުސަތުގައި ކޮންމެ ދާއިރާއަކުންވެސް ވިޔަފާރި ފަށަން ލޯނު ނެގޭނެއެވެ.