ފަލަސްޠީނުގެ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން އަދިވެސް ހުރަސްއަޅަމުންދާ ކަމަށާއި، ޣައްޒާގެ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ބޭނުންކުރާ ސިރިންޖާއި ތުއްތު ކުދިންގެ ފޯމިއުލާ ވެސް ނުވެއްދޭ ކަމަށް އދގެ ކުޑަކުދިންނާބެހޭ އިދާރާ، ޔުނިސެފުން ބުނެފިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް އައިސްފައި ވަނީ ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު މި އަހަރުގެ އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ސޮއިކޮޮށްފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމާއެކު، އެތައް ދުވަހެއް ވަންދެން އެހީގެ ސާމާނު ނުވެއްދި އޮތް ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް ފަދަ މުހިންމު ސާމާނު ގިނަ ޢަދަދަކަށް ވެއްދޭނެ ކަމަށް އޮތީ ބެލެވިފައެވެ. ނަމަވެސް އެ ގޮތަށް އެ ކަން ހިނގަމުން ނުދާ ކަމަށާއި ޣައްޒާއަށް ބޭނުންޖެހިފައިވާ މިންވަރަށް އެ ސަހަރަށް ތަކެތި އެތެރެނުކުރެވޭ ކަމަށް އެހީދޭ ޖަމްޢިއްޔާތަކުން ދަނީ ބުނަމުންނެވެ.
އެއްބަސްވުން ޤާއިމްކުރި ފަހުން އެއް މަސް ދުވަސް މިހާރު ފާއިތުވެފައިވާ އިރު، ޣައްޒާގެ ކުޑަކުދިންނަށް ވެކްސިން ދިނުމުގެ މާސިންގާ ކެންޕޭނެއް ޔުނިސެފުން ވަނީ ފަށައިފައެވެ. ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި ކެންޕޭނުގެ ފުރަތަމަ މަރުޙަލާ ނޮވެމްބަރު މަހުގެ 9ވަނަ ދުވަހު ފަށާފައިވާއިރު، ފުރަތަމަ ދުވަހު އެކަނި ވެސް 2،400 ކުދިންނަށް ވެކްސިން ދީފައިވެއެވެ.
ޔުނިސެފުން ބުނީ ވެކްސިން ދިނުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި އެ އިދާރާއިން ގިނަ ދަތިތަކަކާ ކުރިމަތިލަމުންދާ ކަމަށެވެ. ވެކްސިން ދިނުމަށް 1.6 މިލިޔަން ސިރިންޖާއި ވެކްސިން ރައްކާކުރުމަށްޓަކައި އިރުގެ ހަކަތައިން ހިންގާ ފްރިޖު ބޭނުންވާ ކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. ވެކްސިން ދިނުމަށް ބޭނުންވާ ސިރިންޖުތައް މިދިޔަ އޮގަސްޓު މަހުން ފެށިގެން ހުރީ ކަސްޓަމް ކްލިއަރަންސް މަރުޙަލާގައި ތާށިވެފައި ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ޔުނިސެފްގެ ތަރުޖަމާނު ރިކާޑޯ ޕިރޭޒް ވިދާޅުވީ އަދިވެސް ވެކްސިން ދިނުމުގެ އިތުރު ދެ ބުރު ކުރިއަށް ރޭވިފައި އޮތްއިރު އެ ބުރުތައް ކުރިއަށް ގެންދެވޭނީ ބޭނުންވާ ސާމާނު ލިބިގެން ކަމަށެވެ. އެނާ އިތުރަށް ވިދާޅުވީ ތުއްތު ކުދިންނަށް ބޭނުންވާ ފޯމިއުލާގެ 938،000 ފުޅި ޣައްޒާއަށް އެެތެރެކުރުމަށް ޔަހޫދީން ހުރަސްއަޅާފައިވާ ކަމަށެވެ. ކާޑުބަލީގެ އެކި މަރުޙަލާތައް ތަހައްމަލް ކުރަމުންދާ ޣައްޒާގެ ކުޑަކުދިންނަށް އެއީ ކޮންމެހެން ބޭނުންވާ އެއްޗެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.