ޚަބަރު

އދ. ދަނގެތީ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއަށް


  • މިމަޝްރޫއު ހަވާލުކުރީ، 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް

  • މިއީ، 34.9 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

އަރިއަތޮޅު ދެކުނުބުރި ދަނގެތީ ސިއްޙީ މަރުކަޒުގައި އައު އިމާރާތެެއް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ސިއްޙީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ، ދަނގެތީ ސިއްޙީ މަރުކަޒަށް އަލަށް އިތުުރުކުރުމަށް ހަމަޖެހިފައިވަނީ 3 ބުރީގެ އިމާރާތެއް ކަމަށެވެ. އަދި މި ޢިމާރާތުގައި މައިގަނޑު ގޮތެއްގައި، އެކްސްރޭގެ ޚިދުމަތާއި، ރަނގަޅު ފެންވަރެއްގެ އީ.އާރެއްގެ އިތުރުން އޯޕީޑީ ރޫމްތަކާއި، 04 ވޯޑް ހިމެނޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހަމަމިއާއެކު، ލެބޯޓްރީއަކާއި، ޕްރައިވެޓް ރޫމްތައްވެސް މި އިމާރާތުގައި ހިމެނޭނެ ކަަމަށް ސިއްހީ ވުޒާރާއިން މައުލޫމާތުދެއެވެ.

34.9 މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ފާއިތުވި ހަފުތާގައި ސަރުކާރުން ވަނީ، ރާއްޖޭގެ އެކި ރަށްރަށުގައި ސިއްޙީ ދާއިރާއިން ގިނަ އަދަދެއްގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ބައެއް ރަށްރަށުގައި ހުރި ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމާއި، އައު ސިއްޙީ މަރުކަޒުތައް އިމާރާތް ކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.