އަންދަމަން ކަނޑުން ދަތުރު ކުރަމުން ދަނިކޮށް ފެތުނު ބޯޓަކުން ކަނޑުވި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ހޯދުމުގެ މަސައްކަތް މެލޭޝިޔާއިން ފުޅާކޮށްފިއެވެ. ކަނޑުވެ ގެއްލިފައިވާ މީހުން ހޯދުމަށް އަންދަމަން ކަނޑުގައި މެލޭޝިޔާގެ އިދާރާތަކުން ހިންގަމުންދާ އޮޕަރޭޝަން ފުޅާ ކޮށްފައިވާއިރު، މިހާތަނަށް 11 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި އިދާރާތަކުން ބުންޏެވެ.
މެލޭޝިޔާގެ އުތުރު ލަންގްކަވީގެ ފުލުހުން ބުނީ އެ ޤައުމަށް ދަތުރު ކުރުމަށް އެއް ބޯޓެއްގައި ރޮހިންޔާ ދަރިކޮޅުގެ އެތަކެއް ސަތޭކަ މީހުން ދަތުރު ފަށާފައިވާ ކަމުގައެވެ. އެއީ، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އަދި، އެއަށްފަހު އެ މީހުން ދެ ބޯޓަކަށް ބެހިފައިވާ ކަމުގައި ވެސް ލަންގްކަވީގެ ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ކަނޑުވި ބޯޓުން ގެއްލުނު މީހުން
ހޯދުމަށް 877 އަކަކިލޯމީޓަރުގެ ކަނޑުގެ ސަރަޙައްދެއް ބަލައި ހޯދާފައިވާ ކަމުގައި ލަންގްކަވީގެ ފުލުހުންގެ ވެރިޔާ ޚައިރުލް އަޒްހަރް ނޫރުއްދީން ވިދާޅުވިއެވެ.
ރޮހިންޔާއިންނަކީ މިޔަންމާގެ ރާކައިން ސްޓޭޓަށް ނިސްބަތްވާ ބަޔެކެވެ. އޭގެ ތެެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު އަމިއްލަ ވަޒަން ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަ ކުރަމުން ދަނީ މިޔަންމާގެ އަސްކަރީ ސަރުކާރާއި ސިފައިން ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުން ސަލާމަތްވުމުގެ ގޮތުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކޮށްފައި ވަނީ ބަންގްލަދޭޝަށެވެ. މި ވަގުތު ބަންގްލަދޭޝްގައި ރޮހިންޔާ ދަރިކޮޅުގެ 1.3 މިލިޔަނެއްހާ މީހުން އެބަތިއްބެވެ.
މެލޭޝިޔާގެ އިދާރާތަކުން ބުނީ، ލަންގްކަވީ ކައިރިއަށް ފެތުނު ބޯޓުގައި 70 ވަރަކަށް މީހުން ތިބިކަމަށް ބެލެވޭ ކަމުގައެވެ. ދެވަނަ ބޯޓުގައި 230 ވަރަކަށް މީހުން ތިބި ކަމަށް ބެލެވުނު ނަމަވެސް، އެ ބޯޓު ވީ ހިސާބެއް، ނުވަތަ ހާލަތެއް ނޭނގޭ ކަމުގައި މެލޭޝިޔާގެ އިދާރާތުން ބުންޏެވެ. ކަނޑުވި ބޯޓުން މިހާތަނަށް ސަލާމަތް ކުރެވިފައި ވަނީ އެންމެ 13 މީހުންނެވެ.
ކަނޑުވި ބޯޓުން ދަތުރު ކުރި ބައެއް މީހުންގެ ހަށިތައް ތައިލެންޑުގެ އިދާރާތަކަށް ވެސް ވަނީ ފެނިފައެވެ. މި ގޮތުން، މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑު ތައިލެންޑްގެ އިދާރާތަކުން ހޯދާފައިވާއިރު، އޭގެ ތެރޭގައި ދެ އަންހެން ކުދިންގެ ހަށިގަނޑު ވެސް ހިމެނޭ ކަމުގައި ތައިލެންޑްގެ ކަނޑުމަތީގެ
ސަލާމަތާ ބެހޭ އިދާރާގެ އޮފިޝަލަކު ބުންޏެވެ. ތައިލެންޑުގެ ސަތޫން ޕުރޮވިންސުގެ ގަވަރުނަރު ސަކަރާ ކަޕިލަކާން ވިދާޅުވީ، ކަނޑު މީހުން ހޯދުމަށް އެ ޤައުމުގެ ކަނޑުގެ ސިފައިންނާއި މެރިން ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގައެވެ.