32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ރަށްވެހި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ޕާކުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަވާލުކޮށްފައެވެ. ޕާކުތަކުގެ މަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއިބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އެ.ޗް.ޑީސީގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރުއެވެ.
މިރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުވަނީ ފާއިތުވި ދެ އަހަރުގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ކުދިން ހެދިބޮޑުވުމަށާއި އަދި ކުދިން މުނިފޫހިފިލުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުން ހިމެނޭކަމަށެވެ. އަދި 2026ވަނަ އަހަރުގެ ނިޔަލަށް މި މަސައްކަތް ނިންމުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިކަމާއި ގުޅިގެން މިއަދުވެސް އަޅުގަނޑުމެން މި ބޭއްވީ ކުޑަކުދިން ޕާކުތަކެއް އެޗްޑީސީއާއި ހަވާލުކުރުމުގެ މަސައްކަތް. މީގެ ކުރިންވެސް ވާނެ މި މަސައްކަތްތައް އެހެން ކުންފުނިތަކާއި ހަވާލުކޮށްފައި. ޖުމްލަ މިދެ އަހަރުގެ ތެރޭގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގައި 57 ރަށެއްގައި މުޅިން އައު ކުޑަކުދިންގެ ޕާކު އެބަ ތަރައްޤީކުރެވޭ. އަދި 73 ރަށަކަށް ކުޑަކުދިންގެ ޕާކު މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދާދެވޭނެ. 115 ރަށުގެ ކުޑަކުދިންގެ ޕާކު ޚިދުމަތް ދެވޭނެ" ވަޒީރު ވިދާޅުވިއެވެ.
ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގައި 57 ރަށެއް ހިމެނެއެވެ. އެ ގޮތުން 52 ރަށުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. ފުރަތަމަ ބެޗުގައި ހިމެނެނީ 12 ރަށެވެ. އޭގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދަނީ 6 ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތެވެ. އަދި 4 ރަށެއްގެ ޕާކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. ދެ ޕާކެއްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީ އާއެވެ.
މީގެ އިތުރުން އެޗްޑީސީއާއެކު ވެވުނު އެއްބަސްވުމަކީ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ 32 ރަށެއްގެ މަސައްކަތުގެ އެއްބަސްވުމެކެވެ. އަދި ބާކީ އޮތް 7 ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްރަށެވެ. މިހާތަނަށް މަސައްކަތް ނުފެށި 05 ރަށެއް އޮތްއިރު ޖުމްލަ 129 ރަށަކަށް ބޭނުންވާ ޕާކް ސެޓުތައް ގެނައުމަށް އެސް.ޓީ.އޯއާ ވަނީ ހަވާލުކުރެވިފައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ބެޗް 3 އަދި 7 ގެ އެއްބަސްވުމުގެ ސޮއިކުރުމުގެ މަސައްކަތްނިމި، ބެޗް 3 ގެ މޮބިލައިޒޭޝަންގެ 33 އިންސައްތަ މަސައްކަތްވަނީ ނިމިފައިވާކަމަށެވެ. އަދި ކޮނުމާއި ކޮންކްރީޓްގެ މަސައްކަތުގެ 17 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ.